ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ނުފޫޒު އިންތިހާއަށް އޮތް އަފްގާނިސްތާނުގެ މަސްރަހުން ސޯޝަލް މީޑިއާއަށް އާންމުވި ތަސްވީރެކެވެ. އެ ތަސްވީރުން ފެންނަނީ އުމުރުން 14-16 އަހަރުގެ އަންހެން ކުއްޖަކު، އޭކޭ-47 ބަޑިއެއް ހިފައިގެން އިންނަ މަންޒަރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ތަސްވީރަށް ސަމާލުކަން ހުއްޓުވާލީ ސަބަބެއް ނެތިއެއް ނޫނެވެ. އާނއެކެވެ. މި ތަސްވީރުން އެ ފެންނަ ކުއްޖަކީ، އޭނާގެ މައިންބަފައިން މަރާލި ތޯލިބާން ހަނގުރާމަވެރިންނާ ކުރިމަތިލާ، އެ ހަނގުރާމަވެރިން މަރާލި ހިތްވަރުގަދަ ބަތޮލާއެވެ.

ހާދިސާ ހިނގާދިޔަ ޣޯރް ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އޭނާގެ އާއިލާއަށް ނިސްބަތްވާ އޭކޭ-47 ބަޑި ނަގާ، 2 ހަނގުރާމަވެރިއަކަށް ހަމަލާދީ އެ މީހުން މަރާލާ، އިތުރު ބަޔަކު ޒަހަމްކޮށްލިއެވެ.

ފޮޓޯއިން ފެންނަ އަންހެން ކުއްޖާގެ ބައްޕައަކީ އަފްގާނިސްތާނު ސަރުކާރުގެ ސަޕޯޓަރެކެވެ. ތޯލިބާން ހަނގުރާމަވެރިން އެކުއްޖާގެ ގެއަށް ދިޔައީ ބައްޕަ ހޯދާށެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ވިދާޅުވީ، މި އަންހެން ކުއްޖާއާއި އޭގެ ހަގަށް ހުރި ފިރިހެން ކޮއްކޮ، މިހާރު ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާނެ ކަމަށެވެ.

މި އަންހެން ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާއިރު އެކުއްޖާއަށް ހިތްވަރުގެ ބަސްތައް ދަނީ އޮހެމުންނެވެ. އޭނާގެ ގަދަ ހިތްވަރަށް އެތައް ބަޔަކު ތައުރީފުކުރަމުން ދެއެވެ. މައިންބަފައިން އަނބުރާ ނުލިބުނު ކަމުގައި ވީ ނަމަވެސް، އޭނާ އެދުވަހު އަމަލު ކުރި ގޮތުން، ހިތަށް ތަސައްލީއެއް ލިބިދޭނެ ކަމަށްވެސް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ.

އަފްގާނިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމާވެރިންގެ މައްސަލަ ހައްލުކޮށް، އަފްގާނިސްތާނު ސުލްހަ ކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެ މަސައްކަތްތަކެއް ފަށާ، ހިސާބެއްގެ ކުރިއެރުންތަކެއް ހާސިލުކުރެވިފައި ވީ ނަމަވެސް، ތޯލިބާން ޖަމާއަތުގެ ބައެއް މެމްބަރުން އަދިވެސް ދަނީ އަފްގާނިސްތާނުގެ ސަރުކާރު ވައްޓާލާ، ގާނޫނު އަސާސީ ބަދަލު ކުރުމަށް ޑިމާންޑް ކުރަމުންނެވެ.