ރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާ މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

އެޗްޕީއޭން ދާދި ދެންމެ ހާމަ ކުރި އަދަދު ތަކަށް ބަލާއިރު، މިއަދު 31 ދިވެހިން ވަނީ ޕޮޒިޓިވް ވެފައެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 12 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.

މިއަދު 45 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 3044 އަށް ވަނީ އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 28 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2397 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1313 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1383 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 251 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 46 މީހުންނާއި ސްރީލަންކާގެ 24 މީހުންނެވެ.