ސައްހަ ލިޔެކިއުންތަކެއް ނެތި މެލޭޝިއާއަށް އެތެރެވި މިޔަންމާގެ ރޯހިންޏާ ރެފިއުޖީންގެ ތެރެއިން 27 މީހެއްގެ ގައިގައި ހައްދު ޖެހުމަށް މެލޭޝިއާއިން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ގޮވާލާ ބިޑެއް ވަރަށް އަވަހަށް މެލޭޝިއާގެ ކޯޓުގައި އިއްވާނެ ކަމަށް، މައްސަލައިގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެއެވެ.

ގަވައިދާ ހިލާފަށް މެލޭޝިއާއަށް އެތެރެވެގެން އުޅޭ މިޔަންމާގެ ރޯހިންޏާ ރެފިއުޖީންގެ ތެރެއިން 27 މީހެއްގެ ގައިގައި ހައްދު ޖެހުމަށް މެލޭޝިއާއިން ނިންމި ނިންމުމަކީ ލާއިންސާނީ އަނިޔާ ދިނުމެކޭ އެއްވަރު، އެފަދަ ސީރިއަސް ޖަރީމާއެއް ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ މެލޭޝިއާއަކީ، 2017 ވަނަ އަހަރުގެ ގަތުލުއާންމަށްފަހު މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޯހިންޏާ ރެފިއުޖީންގެ މެދުގައި މަގުބޫލު ވަޒަނެކެވެ. ގިނަ ރެފިއުޖީން މެލޭޝިއާއަށް ދިރިއުޅުން ބަދަލު ކުރަމުންދަނީ، އުޖާލާ މުސްތަގުބަލެއްގެ އުއްމީދުގައެވެ.

ނަމަވެސް، މެލޭޝިއާއަކީ ރެފިއުޖީންގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. މެލޭޝިއާއިން ދަނީ، އެގައުމަށް ވަނުމަށް މަސައްކަތް ކުރާ ރެފިއުޖީ ބޯޓުފަހަރުވެސް އައިކޮޅަށް ފޮނުވާލަމުންނެވެ. ދާދިފަހުންވެސް މިފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މެލޭޝިއާއިން ބުނަމުންދަނީ އިތުރު ހިޖުރަވެރިންތަކެއް ދެން ބަލައެއް ނުގަނެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކެއް އޮތުމެވެ.

ރެފިއުޖީންގެ ގުރޫޕެއްގެ ފަރާތުން ވަކާލާތު ކުރައްވަމުން ގެންދަވާ ކޮލިން އެންޑްރޫ ރޮއިޓާޒްއަށް ވިދާޅުވީ، ސައްހަ ޕާމިޓެއް ނެތި ބޯޓުގައި މެލޭޝިއާއަށް އެތެރެވި ރޯހިންޏާ ދަރިކޮޅުގެ 40 ރެފިއުޖީއަކު 7 މަހަށް ޖަލަށް ލުމަށް މެލޭޝިއާގެ ލަންގްކާވީގެ ކޯޓަކުން ޖޫން މަހު ހުކުމް ކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 27 މީހެއްގެ ގައިގައި ހައްދު ޖެހުމަށްވެސް ކޯޓުން ހުކުމް ކޮށްފައިވާއިރު، މިކަން ބަދަލު ކުރުމަށް އެދި މާދަމާގެ ވަގުތެއްގައި ކޯޓަށް ހުށަހަޅާނެ ކަމަށްވެސް އެންޑްރޫ ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

މިކަމާ ބެހޭ ގޮތުން މެލޭޝިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓް އަދި އެޓާނީ ޖެނެރަލްގެ އިދާރާއިންވެސް ބަހެއް ލިބިފައި ނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ޚަބަރުދެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ހޯމަ ދުވަހު ވަނީ، ރެފިއުޖީންގެ ގައިގައި ހައްދު ނުޖެހުމަށް މެލޭޝިއާއަށް ގޮވާލާފައެވެ.

މެލޭޝިއާގެ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުގައި ސައްހަ ލިޔެކިއުންތަކާ ނުލާ އެގައުމަށް އެތެރެވާ މީހުން 10000 ރިންގިޓުން ޖޫރިމަނާކޮށް، 5 އަހަރާ ހަމައަށް ޖަލަށްލާ، 6 އެތިފަހަރުން ހައްދުޖަހާ ތައުޒީރު ކުރުމުގެ ބާރު، ކަމާ ބެހޭ ފަރާތްތަކަށް ލިއްބައިދެއެވެ.