ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ޑިމޮކްރަޓުންގެ ޓިކެޓްގައި ނިކުންނަވާ ޖޯ ބައިޑަންއަށް ތާއީދު ކުރައްވާ ކަމަށް، އެމެރިކާގެ އެކި ދާއިރާތަކުން އިސް މަގާމުތަކަކަށް އިންތިހާބު ކޮށްފައިވާ މުސްލިމު އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ބައިޑަންގެ ކެންޑިޑަސީ ބަލައިގަތުމަށް ނިންމިކަން މުސްލިމު އޮފިޝަލުން ހާމަ ކުރެއްވީ، އެމްގޭޖް އެކްޝަންއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އޮންލައިން ސަމިޓެއްގެ ކުރިންނެވެ. މި ސަމިޓްގައި ބައިޑަންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައިޑަންގެ ކެންޑިޑަސީ ގަބޫލުކުރައްވާ ކަމަށް ބަޔާންކުރި ސިޓީގައި ސޮއެކުރެއްވި އޮފިޝަލުންގެ ކޮންގްރެސްވުމަން އިލްހާން އުމަރު، މިނެސޯޓާގެ އެޓާނީ ޖެނެރަލް ކީތް އެލިސަން، އިންޑިއާނާގެ ކޮންގްރެސްމަން އާންޑްރޭ ކާސަން ހިމެނިވަޑައިގަންނަވައެވެ. މި ހުރިހާ މެމްބަރަކުންނަކީވެސް ޑިމޮކްރަޓުންނެވެ.

"މިލިއަން މުސްލިމް ވޯޓްސް"، މި ޝިއާރުގެ ދަށުން އެމްގޭޖް އެކްޝަންއިން ކުރިއަސް ގެންދިޔަ ސަމިޓަކީ ނޮވެމްބަރު މަހު އޮންނަ އިންތިހާބުގައި ވީހާވެސް ގިނަ އަދަދެއްގެ މުސްލިމުން ވޯޓު ދިނުމަށް ހިތްވަރު ދިނުމަށް ހިންގާ ކެމްޕޭނެކެވެ.

އެމްގޭޖް އެކްޝަންސްގެ ސީއީއޯ ވާއިލް އަލްޒަޔާތު ވިދާޅުވީ، މި އިވެންޓްގައި ބައިޑަން ބައިވެރިވެވަޑައިގެންނެވުމަކީ މުސްލިމުންގެ ވޯޓު ހޯދުން އެކަނި ނޫންކަމަށާ، މިއީ ބައިޑަންގެ ސަރުކާރެއްގައި އެމެރިކާގެ އާބާދީތަކާ މުސްލިމުންގެ ބައިވެރިވުމާ ޝާމިލުވުން އިތުރު ކުރުމުގެ މަގުސަދު ކުރިއަށް ނެރުން ކަމަށެވެ.

އެމެރިކާގެ މުސްލިމުންގެ އާބާދީއަށް ކުރިމަތިވާ އެކި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ބައިޑަންގެ ވެރިކަމެއްގައި ވާހަކަދެއްކިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، ސަރުކާރުގެ ސިޔާސަތުތައް އެކުލަވާ ފެންވަރުގައިވެސް މުސްލިމުންގެ ބައިވެރިވުން ހިމެނޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަލްޒަޔާތު ވިދާޅުވިއެވެ.

މުސްލިމުންގެ ތާއީދު ބައިޑަންއަށް އޮތްކަން ބަޔާންކުރައްވާ، މުސްލިމު ލީޑަރުން ލިޔުއްވި ސިޓީގައި، އެމެރިކާގެ މިހާރު ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅަށް ކުރިމަތިކުރެއްވި އެކި ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމުތަކުން އެމެރިކާއަށް ދަތުރުކުރުމުގައި ހުރަސްތައް ކުރިމަތި ކުރުވުމާ، އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ފަދަ ނިންމުންތަކާ މެދުވެސް މުސްލިމު ލީޑަރުންވަނީ ނުރުހުންފާޅު ކުރައްވާފައެވެ.

ބައިޑަން ވަނީ މުސްލިމުންނަށް އެމެރިކާއަށް ދަތުރުކުރުމާ ދެކޮޅަށް ޓްރަމްޕް ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅު، ވެރިކަމުގެ ފުރަތަމަ ދުވަހު އުވާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެމްގޭޖް އެކްޝަންގެ އިވެންޓްގައި ވާހަކަފައްކަވަމުން ބައިޑަން ވަނީ އޭނާގެ ސަރުކާރުގައި ހިދުމަތް ކުރާނެ މުސްލިމުން ހޯއްދަވާނެ ކަމަށާ، ދީނީ އަދި ނަސްލީ ފަރަގަށް ބަލައިގެން ކަމާބެހޭ ފަރާތްތަކުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ގާނޫނީ ފެންވަރުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މުސްލިމުންވެސް ވަނީ އެމްގޭޖް އެކްޝަންގެ ސަމިޓްގައި ބައިޑަން ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަކޮށް، އެކަމަށް ތައުރީފު ކޮށްފައެވެ.