ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10 އިން މާދަމާގެ ހެނދުނު 10 އަކާ ދެމެދު މޫސުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
މިއަދު ހެނދު 7:00 އިން މެންދުރު 1:00 އާ ދެމެދު ހއ. އަތޮޅުން ތ އަތޮޅާ ދެމެދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި މިއަދު ހެނދުނު 6:30 އިން 11:30 އާ ދެމެދު ލ. އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.