މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފުވައްމުލަކަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް ގެތަކަށް ފެންވަދެ އެކި ސަރަހައްދުތަކުަގއި ހުރި ގަސްތައް ވެއްޓިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންހެދި ގޭގެއަށް ފެންވަދެފައިވާ އިރު އެރަށުގެ ރައްޔިތުންނާއި ސިފައިން ދަނީ އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުން ވަމުންދާތީ ފުވައްމުލަކު ފަޔާ ސްޓޭޗަންގެ ސިފައިން އެހީތެރިކަން ފޮރުކޮށްދޭން ފަށާފައިވާ ކަަމަށެވެ. އެގޮތުން ފުވައްމުލަކުގެ 8 ގެއެއްގައި ސިފައިން ވެލިބަސްތާ ޖަހާފައިވާ ކަމަށާއި ބައެއް ހިސާބުތަކުން އނަަބުިގަސްތައް ވެއްޓިގެން އެ ގަސްތައް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއަދުގެ މޫސުމާ ގުޅިގެން މެޓް އޮފީހުން ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށް ޔެލޯ އެލާޓެއް ނެރެފައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ ދެކުނުގެ އަތޮޅުތަކަށް، ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އިސްމިނުގައި 5 ފޫތާއި 7 ފޫޓަށް އުފުލޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެތް އޮފީހުންނާއި ޑިސާސްޓާ މެނޭޖްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.