ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވެކްސިނެއް ތަރައްގީ ކުރުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ހެކަރުން ދިން ހަމަލާތަކަކީ ރަޝިއާއިން އަމާޒުވި ހަމަލާތަކެއް ކަމަށް ބުނެ، އިނގިރޭސިވިލާތުން ފެންމަތި ކުރި ތުހުމަތުތަކަށް ރަޝިއާއިން އިންކާރު ކޮށްފިއެވެ.

ރަޝިއާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެންޑްރޭއި ކީލިން ވިދާޅުވީ، މި ވާހަކަ ގަބޫލު ނުކުރައްވާކަމަށާ، މިއީ ދެކޮޅު ޖެހޭ ބުރަދަނެއް އެކަމުގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ ޑިވަލޮޕަރުންނަށް އަމާޒުކޮށް ހެކަރުންގެ ހަމަލާތައް އައިސްފައިވަނީ ރަޝިއާގެ ޖާސޫސީ އިދާރާތަކާ ގުޅުން ހުރި ހިސާބަކުން ކަމަށް ޔަގީނާ ގާތަށް ކަށަވަރުވެފައިވާކަމަށް އިނގިރޭސިވިލާތުން ތުހުމަތު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ވެކްސިންގެ މައުލޫމާތު ހޯދުމަށް ހެކަރުން ދިން ހަމަލާތައް އައީ އޭޕީޓީ29 ނަމުގައި ހަރަކާތްތެރިވާ ގުރޫޕަކުން ކަމަށާ، ވެކްސިން ތަރައްގީ ކުރުމާ ގުޅުންހުރި އެކި އިދާރާތަކަށް ހަމަލާ އަމާޒުވި ކަމަށް އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާއާއި އެމެރިކާއިންވެސް ބުރާސްފަތި ދުވަހު ތުހުމަތު ކުރިއެވެ. އިނގިރޭސިވިލާތުގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓާ (އެންސީއެސްސީ) އިން ޚަބަރު ދޭ ގޮތުގައި، "ދަ ޑިއުކްސް" ނުވަތަ "ކޯޒީ ބެއާ" މި ގުރޫޕަކީ ރަޝިއާގެ ޖާސުސީ ހިދުމަތްތަކާ ގުޅިފައިވާ ބައެއް ކަމަށް 95 ޕަސެންޓް ޔަގީނެވެ.

މިކަމާ ގުޅިގެން ރަޝިއާގެ ސަފީރު ދެއްވި ނުސީދާ ޖަވާބެކެވެ. ސަފީރު ވިދާޅުވި ގޮތުގައި މި ފަދަ ގުރޫޕެއްގެ ވާހަކަ އޭނާ އަޑުއެއްސެވީވެސް އިނގިރޭސި މީޑިއާއިންނެވެ. އަދި ވެކްސިންތަކެއްގެ މައުލޫމާތު އެނގުމަކުން، އެކަމުން ރަޝިއާއަށް ލިބޭނެ "ފައިދާއެއް" ނޯންނާނެ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ. ރަޝިއާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އާރް-ފާމްއިން މިހާރުވެސް ވަނީ އަސްޓްރަޒެންކާއާއިއެކު ވެކްސިން ތަރައްގީ ކުރުމުގެ ޕާޓްނާޝިޕެއް އެކުލަވާލާފައިކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ރަޝިއާގެ ސަފީރު ވަނީ، އިނގިރޭސިވިލާތުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ރަޝިއާއިން ވަންނަމުންދާ ކަމަށް އިނގިރޭސިވިލާތުން ކުރާ ތުހުމަތުތަކަށްވެސް އިންކާރު ކުރައްވާފައެވެ.

2019 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވިކަންވެސް ޔަގީނާ ގާތަށް ކަށަވަރުވާކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވަނީ ހުސްވި ހަފުތާގެ ކުރީކޮޅު، ވިދާޅުވެފައެވެ.