ޓެކްނޮލޮޖީގެ ބާރުވެރިކަމަށް ބަލާއިރު ދުނިޔޭގެ 1 ނަމްބަރު ރޭންކުގައި އޮތް އެމެރިކާއާއި ކުރިމަތިލާ، އެ މަގާމުން އެމެރިކާ ވައްޓާލުމަށް ޗައިނާއިން މަސައްކަތް ކުރަމުން ނުދާ ކަމަށް، ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޓް ޓްރަމްޕްގެ ސަރުކާރުން މި ފަހަކަށް އައިސް ޗައިނާއަށް އަމާޒު ކުރަމުންދާ ވަރުގަދަ ތުހުމަތުތަކަކާ، އަބުރު ކަތިލާ ޒާތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހުއާ ވިދާޅުވީ، ޗައިނާއަށް އަމާޒުވާ މިފަދަ ހަމަލާތަކުގެ ދިފާއުގައި އެގައުމުން ތެދުވާނެ ކަމަށް ވިދާޅުވެފައެވެ.

އަސްކަރީ، ޓެކްނޮލޮޖީ، އިގުތިސޯދީ އަދި އެހެންވެސް ބަހާތަކުގައި ޗައިނާގެ ނުފޫޒު ގަދަ ކުރުމަށް އެގައުމުން ގެންގުޅެނީ ހަރުކަށި ސިޔާސަތުތަކެއް ކަމަށް ފާޑުކިއާ ފަރާތްތަކުން ބުނަމުންދިޔަ ކަމުގައި ވީ ނަމަވެސް، ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރުތަކުގައިވެސް ބަދަލެއް ނައިސް ޗައިނާ ދެމި އޮތް މައިގަނޑު ސަބަބަކީ، އެތައް ޒަމާނެއް ވަންދެން އެގައުމުން ހޯދަމުން ދިޔަ އިގުތިސޯދީ ކުރިއެރުން ކަމަށް ހުއާ ވިދާޅުވިއެވެ.

އިސްތިގުލާލާ މިނިވަންކަން އޮތް ގައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މި ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ޗައިނާގެ ހައްގެއް ކަމަށާ، އެމެރިކާއިން ޗައިނާއަށް އަމާޒުކުރާ އަސްލެއް ނެތް ބަހުގެ ހަމަލާތަކަށް ރައްދު ދެއްވާނެ ކަމަށް ހުއާ ވިދާޅުވިއެވެ.

މިފަދަ ރޫހެއްގައި ހުއާ ވާހަކަދައްކަވާފައި މިވަނީ، ގޫގްލް، މައިކްރޮސޮފްޓް، ޔާހޫ އަދި އެޕަލް ފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ޗައިނާއާއިއެކުގައި މަސައްކަތް ކުރުމުގެ ރޫހެއް ގެންގުޅޭ ކަމަށް ވިދާޅުވެ، އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ، އަމާޒު ކުރެއްވި ތުހުމަތުތަކަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

ޒަމާނުއްސުރެ ހަތުރުވެރިންގެ ގޮތުގައި އޮތް ދުނިޔޭގެ އެންމެ ވަރުގަދަ 2 ބާރު ކަމަށްވާ އެމެރިކާއާއި ޗައިނާގެ ގުޅުން، މިފަހަކަށް އައިސް ވަނީ އިންތިހާއަށް ހީނަރުވެފައެވެ. ކޮވިޑް-19ގެ ވައިރަހުގެ އަސްލު ނޭނގުމާ، ހޮންގްކޮންގްގެ ޑިމޮކްރަޓިކް ހަރަކާތްތަކަށް ހުރަސް އަޅަމުން ދިއުމާ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުމާ، ޗައިނާގެ އާބާދީގެ ނިސްބަތުން ބައި މަދު މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާއާއި ޗައިނާގެ ބަހުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.