މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީވުމުގެ ގޮތުން، 10.3 ބިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލުމުގެ މަސައްކަތް، އދއިން ފަށައިފިއެވެ.

މިއީ އދގެ ތާރީހުގައިވެސް އެއިދާރާއިން ގޮވާލި އެންމެ ބޮޑު، އެހީގެ ފަންޑު ކަމަށް ޚަބަރު ލިބެއވެ.

އދއިން ލަފާ ކުރާ ގޮތުގައި، މިހިނގާ 2020 ވަނަ އަހަރު ނިމޭއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 265 މިލިއަން މީހުން ބަނޑަށް ޖެހުމާ ކުރިމަތިލާންޖެހޭނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އދގެ ފަންޑުން ޚަރަދު ކުރަން ހަމަޖެހިފައިވަނީ ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާ، ނާޒުކު ހާލުގައި އޮތް ގައުމުތަކަށެވެ.

މިކަންކަމަށް އަމަލީ ސިފަ ގެނައުމަށް ފެއިލްވެއްޖެނަމަ، ފާއިތުވީ އެތައް އަހަރެއްގެ މަސައްކަތުން މި ދުނިޔެ ހޯދި ތަރައްގީ ވިއްސި ވިހާލިވެ، އެތައް އަހަރެއް ފަހަތަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އދއިން މީގެ ކުރިންވަނީ ދީފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އދއިން މީގެ ކުރިންވެސް ފަންޑެއް ހެދުމަށް އިއުލާން ކުރިއެވެ. މާޗް މަހު އދއިން ގޮވާލީ 2 ބިލިއަން ޑޮލަރުގެ ފަންޑަކަށެވެ.

ނަމަބެސް މި އަދަދު މުރާޖައާކޮށް، ރެކޯޑް އަގެއްގެ ފަންޑެއް އިއުލާން ކުރަމުން އދއިން ބުނީ، މުއްސަނދި ގައުމުތަކުގެ އިގުތިސޯދު ސަލާމަތް ކުރުމަށްޓަކައި، އެ ގައުމުތަކުން ގެންގުޅުނު "މާލީ ގަވައިދު ފޮތް" އެއްލާލާފައިވާ ކަމަށާ، މި ވަގުތަކީ ފަގީރު ގައުމުތަކުގެ ހައްގުގައި އެފަދަ ކަމެއް ކުރަންވީ ވަގުތު ކަމަށެވެ.

މިކަން ނުކޮށްފިނަމަ ތަފާތު އެކި ކަހަލަ ކާރިސާތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް އދއިން ވަނީ ދީފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިހާރުވެސް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ލޮކްޑައުންގެ އަމުރުތަކާއެކު، އެތައް މިލިއަން ހިޖުރަވެރި މަސައްކަތްތެރިންނެއްގެ ވަޒީފާ ގެއްލި، ރަށަށް ފޮނުވާނެ ފައިސާ ހުސްވެއްޖެއެވެ. ކުޑަކުދިންނަށް ހާއްސަ ވެކްސިންގެ ޕްރޮގްރާމްތައް މަޑުޖެހިއްޖެއެވެ. ޒަމާންވީ ހަނގުރާމަތައް ކުރަމުން އަންނަ ގައުމުތަކުގެ ހާލަތު ވަކުން ބޮޑުކަން ފާހަގަކުރަންޖެހެއެވެ.

ޔަމަނަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 އަށް އިންފެކްޓްވި މީހުންގެ ތެރެއިން 4 ބައިކުޅަ 1 ބައި މީހުން އެބަލީގައި މަރުވެއްޖެއެވެ. މިއީ މުޅި ދުނިޔޭގެ އެވަރޭޖަކަށް ބަލާނަމަ، 5 ގުނަ އިތުރު އަދަދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 13 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު، ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދު 600000 އާ ގާތް ކުރެއެވެ.