ހޮންގްކޮންގްއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) 3 ވަނަ ރާޅު އަރާފައިވަނީ، ޖިސްމާނީ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

މީގެ އިތުރުން، ހޮންގްކޮންގްގައި މިހާރު ފެތުރެމުންދަނީ ބާރުގަދަވެފައިވާ ވައިރަހެއް ކަމަށްވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ހޮންކޮންގްގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް މިންގަނޑެއްގައި ހިފެހެއްޓިފައި އޮންނަތާ ހަފުތާތަކެއް ފާއިތުވިއެވެ. ބައެއް ފަހަރު ކޭހެއް ރިޕޯޓް ނުކޮށްވެސް ދުވަސްތައް ދިޔައެވެ. މިއާއެކު، ސަލާމާތްތެރިކަމުގެ ގޮތުން ތަންފީޒު ކުރުމުން ދިޔަ ބައެއް ފިޔަވަޅުތަކަށް ލުއި ދެވޭ ގޮތްވިއެވެ. އާންމު ދިރިއުޅުމުގެ އާދަތައް އިސްކުރަން ފެށިއެވެ. އާންމު ތަންތަން ހުޅުވުމާ، ވިޔަފާރިތައް ހިންގަން ފެށިއެވެ. މިއާއެކު ހޮންގްކޮންގްއަށް މިވަނީ ކޮވިޑް-19ގެ 3 ވަނަ ރާޅު އަރާފައެވެ. ކޮންމެ ދުވަހަކުވެސް ކޭސްތައް އިތުރު ވަނީ އިންތިހާއަށެވެ.

ރެސްޓޯރަންޓުގެ ނުރައްކާ ބޮޑު

ހޮންގްކޮންގްއިން މިހާރު ފެންނަމުންދާ ކޭސްތަކަށް ބަލާއިރު އެހެން ކޭސްތަކާ ގުޅުން ނެތް ކޭސްތައްވެސް ގިނަ އަދަދަކަށް ފެނެއެވެ. ޔުނިވާސިޓީ އޮފް ހޮންގްކޮންގްގެ ޑިވިޝަން އޮފް ޕަބްލިކް ހެލްތް ލެބޯޓްރީ ސައެންސްގެ އިސްވެރިޔާ ޕްރޮފެސާ ލިއޯ ޕޫން ވިދާޅުވީ، ވަކި ކޭސްތަކަކީ ކިހިނެއް ވެގެން އިންފެކްޓްވި ކޭސްތަކެއް ކަންވެސް ދެނެ ނުގަނެވޭ ކަމަށެވެ.

ޕޫން ވިދާޅުވީ، މިކަމުން އަންގައިދެނީ، މިހާލަތަށް ދާން ޖެހުނީ ޖިސްމާނީ ގައިދުރު ކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ކަމެވެ.

ހޮންގްކޮންގް ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް ޑިވިޝަންގެ އިސްވެރިޔާ އިވާން ހަންގް ވިދާޅުވީ، ރެސްޓޯރަންޓްތަކުން މީހުން އިންފެކްޓްވުމުގެ ނުރައްކާ ބޮޑު ކަމަށެވެ. އެހެނީ އެއީ މީހުން މާސްކު ނަގައިގެން ތިބޭނެ ތަނަކަށް ވުމުން، އެކެއްގެ ހަށިގަނޑުން، އަނެކާގެ ހަށިގަނޑަށް ވައިރަސް ވާރުތަކުރުމުގެ ފުރުސަތު ބޮޑު ވެއްޓަކަށް އެ ފަދަ ތަންތަން ވުމެވެ.

ހޮންގްކޮންގް ޔުނިވާސިޓީގެ ޑީން އޮފް މެޑިސިން ފެކަލްޓީ ގެބްރިއެލް ލިއުންގް ވިދާޅުވީ، ވައިރަސް ބާރުގަދަވެފައިވާކަމަށާ، އޭގެ މާނައަކީ ހަލުވި ދުވެއްޔެއްގައި ވައިރަސް ދެގުނަ ވެގެންދާކަމެވެ. ޕޫންއާއި ހަންގްވެސް ވަނީ، އިންސާނާގެ ހަށިގަނޑުގެ ސެލްގައި، ވައިރަސް ވަކި ހިއްޕާލަން ބޭނުން ކުރާ ޕްރޮޓީންއަށް ބާރުތަކެއް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ. ޕޫން ވިދާޅުވާ ގޮތުގައި ބާރުގަދަ ވެފައިވަނީ މާ "ފިޓް" ވައިރަހެކެވެ.

ކްލިނިކަލް ޕްރޮފެސާ އިން ޕެތޯލޮޖީ، ޖޯން ނިކޯލްސް ވިދާޅުވާ ގޮތުގައި އަދިވެސް ނޭނގޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެގޮތުން، ވައިރަހަށް އައި ބަދަލާއެކު ވައިރަސް ނަކަލުވާ ރޭޓް 30 ޕަސެންޓް އިތުރުވިކަން ދެނެގަނެވިފައިވާކަމަށާ، ނަމަވެސް އޭގެ މާނައަކީ، ކޮންމެހެން، އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ވައިރަސް ފެތުރޭ މިންވަރު 30 ގުނަ އިތުރުވުން ނޫންކަމަށް ނިކޯލްސް ވިދާޅުވިއެވެ. ނަމަވެސް، މިއީ ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާއެކު އިގުތިސޯދުތައް އިނދަޖެހުމުން ދާކަމަށް ބުނެ، ބައެއް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތުގެ ނަމުގައި މަސައްކަތްތައް އަލުން ފަށަމުންދާން ފަށާފައިވާއިރު، ބަލިމަޑުކަންވެސް ދަނީ އިތުރުވަމުންނެވެ. ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން މިއިން ދުވަހަކު ނިމެން ނެތް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއެޗްއޯ)އިންވެސް ވަނީ ދީފައެވެ.