"އިސްލާމް ދީނުމުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުން" ހުއްޓުވުމަކީ ހުރިހާ ކަމަކަށްވުރެ ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވެ، ފަރަންސޭސިވިލާތުގައި ޒަމާނުއްސުރެ ޕްރޮމޯޓްކުރަމުން އަންނަ ސެކިއުލަރިޒަމްގެ ފިކުރު ކުރިއަށް ގެންދަވާނެ ކަމަށް ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވުނު ޜޯން ގެސްތެކްސް ވައުދުވެވަޑައިގެންފިއެވެ.

ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި، ސަރުކާރުގެ އާ ސިޔާސަތު ހާމަކުރައްވާ، ވާހަކަދައްކަވަމުން ގެސްތެކްސް ވަނީ، "ޓެރަރިސްޓުންނާ، ކޮންސްޕިރަސީ ތިއަރިސްޓުންނާ، ވަކިވެގަތުމަށް މަސައްކަތް ކުރާ ފިކުރުގެ މީހުންނާ، އިޖުތިމާއީ އައިޑެންޓިޓީގައި ހިފައިގެން އުޅޭ ކޮމިއުނިޓާރިއަނުންގެ ކޯލިޝަނަކުން" ފަރަންސޭސިވިލާތަށް "ނުރައްކާ" ކުރިމަތިކުރައްވާފައިވާ ކަމަށް ސިފަކުރައްވާފައެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ގެސްތެކްސް ވަނީ، ހޫނު މޫސުމުގެ ޗުއްޓީ ނިންމާލުމަށްފަހު "ވަކިވެގަތުމާ" ދެކޮޅަށް އާ ގާނޫނެއް ފާސްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަންކަން ތަންފީޒު ކުރުމަށް ފުލުހުންނާ ފަނޑިޔާރު ގެތަކަށް ހާއްސަ ބާރެއް ދެއްވާނެ ކަމަށް ގެސްތެކްސް ވަނީ ވިދާޅުވެފައެވެ.

ފާޑުކިއާ ފަރާތްތަކުންވަނީ، މިއީ މުސްލިމުންނަށް އަމާޒުވާނެ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކަންމިހެން އޮތްއިރު، ފަރަންސޭސިވިލާތުގެ އާބާދީގައި ބައިމަދު، މުސްލިމުން ބުނަމުންދަނީ ފަރަންސޭސިވިލާތުން ގެންގުޅޭ ސެކިއުރަލިސްޓް ފިކުރުތަކަކީ، މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކެއް ކަމަށެވެ.

ފަރަންސޭސިވިލާތުގެ ޖަސްޓިސް އެންޑް ލިބާޓީޒް ފޮ އޯލް ކޮމިޓީގެ އިސްވެރިޔާ ޔާސިރު ލުއާތީ ވިދާޅުވީ، 'ވަކިވެގަތުމުގެ' ފިކުރުގެ ގޮތުގައި ގެސްތެކްސް މުހާތަބު ކުރައްވާފައި އެވަނީ ސީދާ މުސްލިމުންނަށް ރިއާޔަތް ކުރެއްވުމުގެ މާނާގައި ކަމަށެވެ. ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯންވެސް މި ފިކުރު ގެންގުޅުއްވާ ކަމަށް ޔާސިރު ސިފަކުރެއްވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، ހަމަހަމަކަން ހޯދުމަށް މުސްލިމުން ގޮވާލުމަކީ ވަކިވެގަތުމުގެ ފިކުރު އިސްކުރުން ކަމަށް ދެކޭނަމަ، އެއީ ފަރަންސޭސި ސަރުކާރުގެ ދެފުށް ދެގޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ، މުސްލިމުންނަށް އަމާޒުކޮށްގެން ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން 2015 ވަނަ އަހަރު ހިންގި އޮޕަރޭޝަންތައް ކުށްވެރިކޮށްފައެވެ.