މިއީ މި ހަފުތާގައި، އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހިނގާދިޔަ އާދަޔާ ހިލާފު ހާދިސާއެކެވެ. ހާދިސާއެއް ހިނގައިގެން އުޅުނު ސަރަހައްދުގައި "މަރުވެފައި" އޮތް މީހާ، ހަގީގަތުގައި މަރުނުވާކަން އެންމެ ފުރަތަމަ އެނގުނީ، އެ ސީންގެ ފޮޓޯ ނެގުމަށް ހާޒިރު ކުރި ފޮޓޯގްރާފަރަށެވެ. މި ޚަބަރާއެކު، އިންޑިއާގައި ޓްވިޓާ ބޭނުން ކުރާ ފަރާތްތަކުގެ އަޑު ވަނީ ގުގުމާލާފައެވެ.
ކެރަލާގެ އީނާކުލާ ޑިސްޓްރިކްޓްގައި "މަރުވެފައި" އޮތް ސީވަދާސަންގެ ފޮޓޯ ނެގުމަށް، ފުލުހުންގެ އެދުމަށް ޓޮމީ ތޯމަސް ސީންގައި ހަރަކާތްތެރިވަމުން ދިޔައެވެ. ސީވަދާސަން "މަރުވި" ކަމަށް ނިންމާފައިވަނީ، އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް އެކަށީގެންވާ އަވަސް މިނެއްގައި ފަރުވާ ނުދެވުމުގެ ސަބަބުން ކަމަށް ބުނެއެވެ. މި ދުވަސްވަރަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، އިންޑިއާގައިވެސް އިންތިހާ ހަލުވި މިނުގައި ފެތުރެމުންދާ ދަނޑިވަޅެއް ކަމުން، ސީވަދާސަންއާ މާ ގާތްވާނެ މީހަކު ނުވިއެވެ.
ޓޮމީ ނަގަމުންދިޔަ ފޮޓޯތަކަކީ ހާދިސާގެ ތަހުގީގަށް ބޭނުންވާ ފޮޓޯތަކެކެވެ. ބައެއް މަންޒަރުތައް ނަގަމުންދިޔައީ ވަރަށް ގާތުންނެވެ.
ފުލުހުންނަށް ފޮޓޯ ނަގާ ދިނުމުގައި 20 އަހަރު ހޭދަކޮށްފައިވާ، 45 އަހަރުގެ ފޮޓޯގްރާފަރު ޓޮމީ، ސީވަދާސަންގެ "ހަށިގަނޑާ" ވަރަށް ގާތަށް ޖެހިލީ، ސާފު ޝޮޓެއްގެ އުއްމީދުގައެވެ. މި ގޮތަށް ފޮޓޯ ނަގަމުން ދަނިކޮށް، "މަރުވެފައި" އޮތް މީހާގެ ހަށިގަނޑުން އަޑެއް އިވޭހެން ޓޮމީ އަށް ހީވާން ފެށިއެވެ.ސިހުމެއްގައި ހުރި ޓޮމީ، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައެވެ. ފުލުހުން ބެލި ބެލުމުން ސީވަދާސަން އޮތީ މަރުވެފައި ނޫންކަން ކަށަވަރުވިއެވެ.
މިއާއެކު ސީވަދާސަން ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ޚަބަރު ލިބެއެވެ.
ސީވަދާސަން "މަރުވެފައި" އޮއްވާ ފެނުނީ އޭނާއާއެކު ގޭގައި ދިރިއުޅެމުންދިޔަ ތިމާގެ މީހަކަށެވެ. ބޮލަށް ލިބުނު އަނިޔާއެއްގައި ބިންމައްޗަށް ވެއްޓި ހޭނެތިފައި އޮތް ސީވަދާސަން މަރުވިކަމަށް ނިންމާ، ތަހުގީގަށް ބޭނުންވާ ފޮޓޯ ނަގަމުންދިޔަ ފޮޓޯގްރަފަށް އާދަޔާ ހިލާފު އަޑެއް އިވި، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމާއެކު، ސީވަދާސަންގެ ފުރާނަ ސަލާމަތް ކުރުމަށް ފުރުސަތެއް ލިބުނެވެ.