މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އަސާސީ ހައްގުތަކާ ހިލާފު ފިޔަވަޅުތަކެއް ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފިއެވެ.
އެޗްއާރްޑަބްލިއުއިން އާންމު ކުރި ބަޔާނެއްގައި އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި ތަންފީޒު ކުރަން ފަށާފައިވާ އާ ގަވައިދުތަކަކީ، ސުލްހަވެރި ގޮތުގައި ކުރަމުންދާ މުޒާހަރާތަކަށް އެއްބާރުލުންދޭ މަދަނީ ޖަމިއްޔާތަކަށްވެސް ނުރައްކާތަކެއް ކުރިމަތި ކުރުވާ ގަވައިދުތަކެއް ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ވަނީ، ރާއްޖޭގައި ދިރިއުޅެމުންދާ ހިޖުރަވެރި މަސައްކަތްތެރިންނަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެށުމާއެކު ފާއިތުވެގެން ދިޔަ އެތައް މަހެއްގެ މުސާރަ ނުދީ ވާ ކަމާ، އެ ފަދަ މަސައްކަތްތެރިން ދިރިއުޅެމުންދަނީ އިންތިހާ ނިކަމެތި ހާލުގައި ކަމާ، މަސައްކަތް ކުރަން ޖެހިފައިވަނީވެސް އިންސާނިއްޔަތުކަން އެއްކިބާވެފައިވާ ވެއްޓެއްގައި ކަން ފާހަގަކޮށްފައެވެ.
ރާއްޖޭގައި ހިޖުރަވެރި މަސައްކަތްތެރިންގެ ގޮތުގައި 100000 އެއްހާ މީހުން ދިރިއުޅޭއިރު މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށާ، އުމްރާނީ ބިނާވެށީގެ ސިނާއަތާ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ދާއިރާގައި ހަރަކާތްތެރިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރްޑަބްލިއުގެ އެސޯސިއޭޓް އޭޝިއާ ޑައިރެކްޓާ ޕެޓްރީޝާ ގޮޒްމަން ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އަދުގެ ރައީސަކީ ހިޔާލު ފާޅު ކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައްވާނެ ކަމަށް ވައުދުވެވަޑައިގެން ކެމްޕޭން ކުރެއްވި ބޭފުޅެއް ކަމަށާ، ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ފަރާތުން މިހާރު ފެނިގެންދަނީ، އިހު އޮތް އުސޫލުތައް ތަންފީޒުކޮށް، މުޒާހަރާތައް ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށް ޕެޓްރީޝާ ވިދާޅުވިއެވެ.
"ކޮވިޑް-19އާއެކު ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ. ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންގެ ޝަކުވާތަކުގެ އަޑު އެހުމުގެ ބަދަލުގައި، ރައީސް ސޯލިހުގެ ސަރުކާރުން ދަނީ ސުލްވެރި ކަމާއެކު އެއްވެ އުޅުމަށް ހުރަސް އަޅާ، މިފަދަ މަސައްކަތްތެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުން" އެޗްއާރްޑަބްލިއުގެ ބަޔާނުގައު ޕެޓްރީޝާ ވިދާޅުވިއެވެ.
މާލޭގައި އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށް ދިވެހިރާއްޖޭގެ ދާހިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެ ވުޒާރާއިން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ފުލުހުން ލިޔުމުން ހުއްދަ ދިނުމުން މެނެވީ އެއްވުންތައް ނުބޭއްވޭނެ ކަމަށެވެ.
މިފަދަ ރޫހެއްގައި ޔޫތް މިނިސްޓްރީންވެސް ބަޔާނެއް ނެރެފައިވާކަން ހިއުމަން ރައިޓްސް ވޮޗްއިންވަނީ ފާހަގަކޮށްފައެވެ. އިއްޔެގެ ވަގުތެއްގައި ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ. ޔޫތް މިނިސްޓްރީން މި ބަޔާން ނެރުނީ ހިޖުރަވެރި މަސައްކަތްތެރިންނަށް ހިތްވަރު ލިބޭ ގޮތަށް މަދަނީ ޖަމިއްޔާތަކުން ޕެޓިޝަނެއް އާންމު ކުރުމާ ދިމާކޮށް ކަން، އެޗްއާރްޑަބްލިއުއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ސިފަކޮށްފައެވެ.
ދިވެހި ސަރުކާރަކީ، ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމަށާ، މައުލޫމާތު ހޯދާ ލިބިގަތުމަށް، ރާއްޖޭގައި އުޅޭ މީހަކަށް ލިބިދީފައިވާ ހައްގު ނެގެހެއްޓުމަށް ބައިނަލްއަގުވާމީ ގާނޫނު ތަކުން ލާޒިމުވާ ސަރުކާރެއް ކަމަށާ، މިކަންކަން ފުރިހަމަ ކޮށްދިނުމަށް ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމަށް، މިކަމާ ކަންބޮޑުވާ ސަރުކާރުތަކަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ގޮވާލާފައެވެ.