އަފްގާނިސްތާނުގެ 5 ބޭހަކުން އެމެރިކާ ސިފައިން ފައިދާ، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުގެ މެމްބަރުންގެ އަދަދު މަދުކޮށްފިއެވެ.

މި ފިޔަވަޅުތަކަކީ، އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ކުރީ ކޮޅު އެކުލަވާލި އެއްބަސްވުމުގެ ދަށުން އެޅި ފިޔަވަޅުތަކެއް ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު ޖޮނަތަން ހޮފްމަން ވިދާޅުވީ އަފްގާނިސްތާނުގައި މިހާރު ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ މެމްބަރުންގެ އަދަދު އުޅޭނީ 8500 އެއްހާ ހިސާބުގައި ކަމަށެވެ. އަދި އެމެރިކާގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އަސްކަރީ 5 ބޭހެއްވެސް މިހާރު އަފްގާނިސްތާނުގެ ބައިވެރިންނާ ހަވާލު ކޮށްފައިވާނެ ކަމަށް ހޮފްމަން ވިދާޅުވިއެވެ.

ހޮފްމަން އިތުރަށް ވިދާޅުވީ އެމެރިކާއިން ހިންގަމުންދާ ހަރަކާތްތަކުގައި ސަމާލުކަން ދެނީ އަސްކަރިއްޔާގެ މެމްބަރުންގެ އަދަދަށް ނޫން ކަމަށާ، ނަމަވެސް ގާބިލިއްޔަތު ކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިންނާ ގައުމީ މަސްލަހަތު ރައްކާތެރި ކުރުމުގެ ގާބިލިއްޔަތު އޮތް މިންވަރަށް އަފްގާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާގެ ނިޝާން، އަފްގާނިސްތާނުގައި އޮންނާނެ ކަމަށް ހޮފްމަން ވިދާޅުވިއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު މަދުކޮށް، ބޭސްތައް ދޫކޮށްލި ކަމުގައި ވީ ނަމަވެސް، ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު އާންމު ކުރެއްވި ބަޔާނުގައިވެއެވެ.

އެމެރިކާއަކީ އެގައުމުގެ ޒިންމާތަކަށް އިހުތިރާމު ކުރާ ގައުމެއް ކަމަށާ، އަފްގާނިސްތާނުގައި މަސްލަހަތު އެކުލެވޭ ހުރިހާ ފަރާތްތަކުން ހަމަނުޖެހުންތައް ކުޑަކޮށް، ދަހިލީ ފެންވަރުގައި މަޝްވަރާތަކަށް ފުރުސަތު ދީ، ދެމިގެންދާ ސުލްހައެއް ހާސިލު ކުރުމަށް މަސައްކަތް ކުރުމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.