ވިލާތު ބައްރުގައި ދެވަނައަށް އެންމެ ފަރުބަދައިގެ ގޮތުގައި ސިފަކުރަމުން އަންނަ މޮން ބްލޮންގެ ގަނޑުފެންތައް ވިރެމުންދާ ދިއުމުގެ ތެރެއިން، 1966 ވަނަ އަހަރު ޝާއިއު ކޮށްފައިވާ އިންޑިއާގެ ދުވަހު ނޫސްތަކެއް ފެނިއްޖެއެވެ.
ބެލެވޭ ގޮތުގައި މި ނޫސް ކަރުދާސްތަކަކީ، 1966 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު މި ސަރަހައްދަށް ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓްގައި ހުރި ތަކެއްޗެވެ. މި ހާދިސާގައި، ބޯޓުން ދަތުރުކުރި 117 މީހުން ވަނީ މަރުވެފައެވެ.
ގަނޑުފެންގަނޑުގެ ތެރޭގައި އެތައް އަހަރެއް ވަންދެން ހަލާކު ނުވެ ރައްކާ ކޮށްފައިވާ ނޫހުގެ ބޭރު ސޮފުހާގައިވަނީ، އަދާ ޖެހުނުއިރުވެސް އިންޑިއާގެ ތާރީހު ދުށް ހަމައެކަނި އަންހެން ބޮޑުވަޒީރު، އިންދިރާ ގާންދީ، އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ޚަބަރެވެ. ގާތްގަނޑަކަށް 12 ވަރަކަށް ނޫސް، މި ސަރަހައްދުގައި އޮތް ކަމަށް ޚަބަރު ލިބެއެވެ.
މި ތަކެތި ހޯދާފައިވަނީ ފަރުބަދަ ހިމެނޭ ސަރަހައްދުގައި ރެސްޓޯރަންޓެއް ހިންގަމުން އަންނަ ޓިމޮތީ މޮޓިން އަށެވެ. އޭނާ ބުނި ގޮތުގައި ނޫސްތައް މިހާރު ވަނީ ހިއްކަން ބަހައްޓާފައެވެ. އަދި ނޫސްތައް ހުރީ ކިޔަންވެސް އެނގޭހާ ރަނގަޅު ކޮލިޓީގައި ކަމަށް ޓިމޮތީ ބުންޏެވެ.
ޓިމޮތީ ބުނި ގޮތުގައި މި ނޫސްތައް ރަނގަޅަށް ހިކުމުން އޭނާގެ ރެސްޓޯރަންޓުގައި ޑިސްޕްލޭ ކުރާނެއެވެ. މި ޑިސްޕްލޭއަކީ 1966 ވަނަ އަހަރު ހިނގި މަތިންދާބޯޓު ވެއްޓުނު ހާދިސާ ހިނގި ސަރަހައްދުން އެއްކުރި އެކި ކަހަލަ ސަމާނު ހިމަނައިގެން ތައްޔާރުކޮށްފައިވާ ކުޑަ ވަރެއްގެ މައުރަޒަކެވެ. މި ސަރަހައްދުން ފެނުނު އެންމެ އަގު ބޮޑު ހަނދާނަކަށް އޮތީ، 2013 ވަނަ އަހަރު ފެނުނު، އަގުބޮޑު ޖަވާހިރު ފޮއްޓެކެވެ. މި ފޮށިގައި ހުރި ތަކެތީގެ އަގު 147000-279000 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މޮން ބްލޮން ފަރުބަދައިގެ ގަނޑުފެންގަނޑުތައް ވިރެމުން ދަނީ ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ސަބަބުންނެވެ.
އިންޑިއާގެ މުމްބާއީއިން ފުރައިގެން ލަންޑަނަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާ ފްލައިޓް 101 ވެއްޓުނީ މޮން ބްލޮން ފަރުބަދައިގެ އެންމެ އުސް ސަރަހައްދަށެވެ. ބޯޓު ވެއްޓުނީ ޖެނީވާއަށް ޖައްސަން، ބޯޓު ތިރިކުރަން އުޅުމުގެ ތެރޭގައި، ފަރުބަދައިގަ ޖެހިގެންނެވެ.