ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ހައުސިން މާކެޓުގެ ހާލަތު ދެނެގަތުމަށް އަނެއްކާވެސް ދިރާސާއެއް ހަދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، ހައުސިން މާކެޓު ނުވަތަ ގެދޮރުވެރިކަމުގެ ބާޒާރާ ގުޅޭ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާއި އެޗްޑީސީގެ މެދުގައި މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެޗްޑީސީއާއި އެމްއެންޔޫ ގުޅިގެން މުހިއްމު ކަންކަން ދިރާސާކުރަމުންގެންދާނެ ކަމަށާއި އެގޮތުން ގެދޮރުގެ ބާޒާރު އޮތް ގޮތް ދިރާސާކުރުމަށް ހަދާ ދިރާސާއަކީ މިސިލްސިލާގެ ފުރަތަމަ ދިރާސާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަދި އެންއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސްލަރު ޑރ. މުހައްމަދު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށޫން ދިވެހި ރާއްޖޭގެ ރިއަލް ސްޓޭޓް ވިޔަފާރި އަދި ބޯހިޔާވަހިކަމުގެ މައުލޫމާތު ހޯދައި މިކަމަށްޓަކައި މުިވައްޒަފުން ތަމްރީންކޮށް މިކމާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރެވިގެން ދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މިފަދަ ދިރާސާއެއް އެމްއެންޔޫއާއި އެޗްޑީސީގެ އިތުރަށް އިސްލާމިކް ޔުނިވާސިޓީ ވެސް ހިމެނިގެން 2017 ވަނަ އަހަރު ތައްޔާރުކޮށް އެޗްޑީސީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެ ދިރާސާގައި ބުނާގޮތުގައި އާބާދީގެ 56.6 ޕަސެންޓް މީހުން ދިރިއުޅެނީ ކުއްޔަށް ކަމަށާއި އޭގެތެރެއިން 42 ޕަސެންޓް މީހުން ދިރިއުޅެނީ 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ މިންވަރެއް ކުއްޔަށް ދީގެން ކަމަށެވެ.