ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 3000 އަށްވުރެ ގިނަ، ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލިފައި ވާ ކަމަށާ، މިއީ ސަރުކާރުތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ކޮވިޑް-19އާގެ ބަލިމަޑުކަމުގައި ސިއްހީ ހިދުމަތްތެރިންގެ ހާލަތު ބަޔާންކޮށް އެމްނެސްޓީއިން އާންމު ކުރި ރިޕޯޓަށް ބަލާއިރު، މި ބަލިމަޑުކަމުަގއި އެންމެ ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން މަރުވި ގައުމުތަކުގެ ތެރޭގައި ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެއެވެ.

ޗައިނާއިން ދަނީ ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދުވެލި އަވަސް ކުރަމުން/ފޮޓޯ: ފްރާންސް24

އެމްނެސްޓީއިން ދިރާސާކުރި 79 ގައުމަށް ބަލާއިރު ކޮވިޑް-19 ޖެހިގެން ރަޝިއާއިން 545 ސިއްހީ ހިދުމަތްތެރިން މަރުވިކަމަށް ރެކޯޑް ކޮށްފައިވެއެވެ. އެމެރިކާއިން 504 މަރު ރެކޯޑް ކޮށްފައިވާއިރު، މީގެ ތެރޭގައި އިޖުތިމާއީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ 262 މީހަކުވެސް ހިމަނާފައިވެއެވެ. އިނގިރޭސިވިލާތަށް ބަލާއިރު، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ 507 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިސާޗާ އެންޑް އެޑްވައިޒާ އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް، ސަނީތާ އަމްބާސްތް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެގެންދާނެ ދުވަސްތައް އަދި ބައެއް ގައުމުތަކަށް އޮތީ ކަމަށާ، ސިއްހީ ހިދުމަތްތެރިންނަށް ދޭންޖެހެ ހިމާޔަތް ދިނުމަށް ފެއިލްވި ގައުމުތަކަށް ކުރިމަތިލާންޖެހުނު ހިތިކަން ތަކުރާރު ނުކޮށް ވޭތޯ، ގައުމުތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަސެވެ.

ކަންކަން ހާމަ ކުރަން ޖެހިލުންވުން

ހަށިރައްކަލަށް ބޭނުންކުރާ އާލާތް (ޕީޕީއީ) އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދެމުން ނުދާ ކަމުގެ ޝަކުވާ އުފުލާ ސިއްހީ ހިދުމަތްތެރިންނަށް، ކަމާބެހޭ ފަރާތްތަކުން ބިރު ދައްކާ ކަމަށް އެމްނެސްޓީގެ ރިޕޯޓްގައި ބުނެފައިވެއެވެ. ބައެއް ހާލަތްތަކުގައި މުސާރަ ނުދީ އެބަހުރި ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

ކޮވިޑް ސާމްޕަލް ނެގުމުގައި އާރުއާރުޓީ ހަރަކާތްތެރިވަނީ

ޕީޕީއީ ފޯރުކޮށްދެމުން ނުދާ ކަމުގެ ޝަކުވާ އުފުލި ރަޝިއާގެ ދެ ޑޮކްޓަރަކާ ދެކޮޅަށް އެ ގައުމުން ފިޔަވަޅު އެޅި ވާހަކަ މި ރިޕޯޓްގައި ހިމަނާފައިވެއެވެ.

މިސްރުގެ ޑޮކްޓަރަކާ ހަވާލާދީ އެމްނެސްޓީއިން ބުނީ، ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިލާންޖެހޭ ހާލްތަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ ގައުމީ ސަލާމަތާ ބެހޭ އިދާރާއިން އެމީހަކު ހާޒިރުކޮށް، ޖޫރިމަނާތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، 3000 އެއްހާ ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދެއްކި ނަމަވެސް ހަގީގީ އަދަދުތައް މިއަށްވުރެ ގިނަވުން އެކަށީގެންވާކަމަށާ، އެހެނީ ގައުމުތަކުން މައުލޫމާތު އެއްކުރުމުގައި ގެންގުޅޭ އުސޫލުތައް ތަފާތު ވުން ކަމަށްވެސް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ފާހަގަކޮށްފައެވެ.