ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި އަދަދުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ބަލީގައި މަރުވާ މީހުންނަށްވުރެ، މި ބަލިމަޑުކަމުގައި ބަނޑަށް ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު، އޮކްސްފާމުން މިވަނީ ދީފައެވެ.
އޮކްސްފާމުން އާންމުކުރި ދިރާސާ ބުނާ ގޮތުގައި، މި ހިނގާ 2020 ވަނަ އަހަރު ނިމޭއިރު، ކޮވިޑް-19އާ ގުޅިގެން މެދުވެރިވާ އެކި ހާލަތްތަކުގައި ބަނޑަށް ޖެހިގެން ދުވާލެއްގެ މައްޗަށް 12000 މީހުން މަރުވާނެކަމަށް ލަފާކުރެވެއެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އަދަދަށްވުރެ އިތުރު އަދަދެކެވެ. ކޮވިޑް-19ގެ ތަފާސް ހިސާބުތައް ބެލެހެއްޓުމުގައި ގިނަ ބައެއްގެ އިތުރުބާރު ހޯދާފައިވާ ޖޯންސް ހޮޕްކިންސްގެ ރެކޯޑްތަކަށް ބަލާއިރު ކޮވިޑް-19ގެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ އޭޕްރިލް 17 ވަނަ ދުވަހެވެ. އެ ދުވަހު 8890 ނުވަ މަރެއް ރެކޯޑް ކޮށްފައިވެއެވެ.
އޮކްސްފާމްގެ އިންޓެރިމް އެގްޒެކެޓިވް ޑައިރެކްޓާ ޝީމާ ވޭރާ ވިދާޅުވީ، އެކި ކަހަލަ ހަމަނުޖެހުންތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، ހަމަހަމަކަން ގެއްލިދިއުމާ، ކާބޯތަކެތީގެ ރައްކާތެރި ނިޒާމަކުން މަހްރޫމުވުމުގެ ސަބަބުނ ްހާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް، ކޮވިޑް-19އަކީ އެންމެ ފަހު ހަނގުރާމައެވެ.
ކޮވިޑް-19ގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ވޭން އެންމެ ބޮޑަށް ކުރިމަތިވާނެ 10 ސަރަހައްދެއް އޮކްސްފާމުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޔަމަނު، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، އަފްގާނިސްތާނު، ވެނެޒުއޭލާ، ވެސްޓް އެފްރިކަން ސާހެލް، އިތިއޮޕިއާ، ސޫދާން، ދެކުނު ސޫދާން، ސޫރިޔާ އަދި ހައިޓީ ހިމެނެއެވެ.
މީގެ އިތުރުން ކާބޯތަކެތި ކަށަވަރުކަން ކުޑަވާ ސަރަހައްދުތަކުގެ ތެރޭގައި ބްރެޒިލް، ދެކުނު އެފްރިކާ އަދި އިންޑިއާ ހިމެނެއެވެ.
ކޮވިޑް-19ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި، ސުފުރާ މައްޗަށް ނަގާނެ ކާބޯތަކެއްޗެއް ނެތެވެ. ނުރަސްމީ މަސައްކަތު މީހުން ވަނީ ބިކަވެފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީވެސް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވި، ނިކަމެތި މީހާ އިތުރަށް ނިކަމެތި ވަނީއެވެ.