ސްރޭއިބްރިނިޓްސާގައި ހިންގި ގަތުލުއާންމުގެ ޝިކާރައަކަށްވި މީހުންގެ ތެރެއިން، އެއީ ކޮން ބައެއްކަން އެންމެ ފަހުން ދެނެގަނެވުނު މީހުންގެ ޖަނާޒާ، ބޮސްނިއާގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނާޒާ ބާއްވާފައި މިވަނީ މުސްލިމުންނާ ދެކޮޅަށް ފަހުގެ ތާރީހުގައި ހިންގި އެންމެ ވަރުގަދަ ގަތުލުއާންމަށް 25 އަހަރު ފުރުމާ ދިމާކޮށެވެ.

2 ވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ވިލާތު ބައްރު ދުށް އެންމެ ނުރައްކާ ބޮޑު ގަޑުބަޑަށް 25 އަހަރުން ފާހަގަ ކުރުމަށް ކުރިއަށްދިޔަ އިހުތިފާލުގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އަދި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްއާއި، ގަތުލުއާންމުގެ ޝިކާރައަކަށްވި މީހުންގެ އާއިލާ މެމްބަރުންވެސް ވާހަކަދެއްކިއެވެ.

މި ދައްކަނީ، ސާބް ހަނގުރާމަވެރިންގެ ލާއިންސާނީ ޖަރީމާއިން، ސްރޭއިބްރިނިޓްސާގައި މުސްލިމުންގެ 8000 އެއްހާ މީހުން މަރާލި ވާހަކައެވެ.

މި ގަތުލުއާންމު ހިންގީ 1992-1995 ވަނަ އަހަރަށް ކުރި ބޮސްނިއާ ހަނގުރާމަގައެވެ. ނެދަލަންޑްސްގެ ބާރުތަކާއެކު އދއިން ހިމާޔަތް ކުރަމުންދިޔަ އަވަށުގައި، އެތައް ހާސް މުސްލިމުންނެއް ދިޔައީ ހިމާޔަތް ހޯދަމުންނެވެ. ނަމަވެސް ސާބުންގެ ބާރުގެ ދަށަށް މި ސަރަހައްދު ވެއްޓުނީ ޖުލައި މަހުއެވެ.

25 އަހަރު ފުރުން

ހިތްދަތި ހަނދާންތަކަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް އޮތް ހާއްސަ ރަސްމިއްޔާތު ކުރިއަށް ދިޔައީ ސްރޭއިބްރިނިޓްސާގެ ރަށް ބޭރުގައި އޮންނަ ސަހަރާއެއްގައެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ނެތްނަމަ އެތައް ހާސް ބަޔަކު ބައިވެރިވާން އޮތް މި އިހުތިފާލުގެ މައިދާނުގައި 100 އެއްހާ ޝަރަފުވެރިން ބައިވެރިވިއެވެ. ޖިސްމާނީ ގައިދުރުކަމާއެކުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތަކުގެ ލީޑަރުން ފޮނުއްވި މެސެޖުތައް އިއްވުނެވެ.

ބޮސްނިއާ ގަތުލުއާންމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އިހުތިފާލުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ދެއްވި މެސެޖުގައި ވިދާޅުވީ، މި ހާދިސާއަކީ އިންސާނިއްޔަތުކަމަށް ފުރަގަސް ދިނުމުގެ ހިތި އަގު ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. ޕްރިންސް ޗާލްސް ވިދާޅުވީ މިއީ ޖެހިގެން ދިޔަ ބޮޑު ލައްގަނޑެއް ކަމަށެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ ފެއިލްވުމެއް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، މި ގަތުލުއާންމުގެ ފަހަތުގައި ތިބި ގިނަ ބަޔަކު އަދިވެސް ޖަވާބުދާރީ ނުކުރުވޭ ކަމަށެވެ. އަދި އޭނާވެސް ހުންނެވީ ގަތުލުވެގެންދިޔަ މީހުންގެ އާއިލާތަކާ އެކު، އިންސާފަށް ކުރަމުންދާ ހަނގުރާމާގައި ކަމަށްވެސް ޖޯންސަން ވަނީ ވިދާލުވެފައެވެ.

އާއިލާތަކަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރާ މަދާޒް އޮފް ސްރޭއިބްރިނިޓްސާ އެސޯސިއޭޝަންގެ ރައީސާ މުނީރާ ސޫބަސީޗް ވަނީ، ހަނގުރާމައިގެ ޖަރީމާ ހިންގި ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަޒުމް ބަލި ނުވާނެ ކަމަށާ، އަބަދުވެސް އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށް ކޮންމެވެސް މީހަކު ހުންނާނެ ކަމަށް މުނީރާ ވަނީ ވިދާޅުވެފައެވެ.

"އަހަރެން މިއަދު މި ވަޅުލަނީ އަހަރެންގެ ބައްޕަ. އެއީ، ގަތުލުވި މީހުންގެ ތެރެއިންވެސް އެންމެ ދުވަސްވީ މިހާ. ބައްޕަގެ ހަށިގަނޑު ހޯދަން 25 އަހަރު ހޭދަވި"، ޖަނާޒާގައި ބައިވެރިވި ފިކްރީތު ޕެޒީޗް، ރޮއިޓާޒްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ސްރޭއިބްރިނިޓްސާގައި ހިނގާ ދިޔައީ ކޮން ކަމެއް؟

ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު، ސާބުންގެ އަސްކަރިއްޔާ އަމާޒު ހިފާފައި އޮތީ ނަސްލު ދޮވެލުމަށެވެ. ސާބުންގެ ޔުނިޓްތަކުގެ ލީޑަރަކަށް ހުރީ ޖެނެރަލް ރާތްކޯ މްލާޑިޗްއެވެ. އޭނާގެ ކޮމާންޑަރުކަމުގެ ދަށުން، 1995 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހު ސްރޭއިބްރިނިޓްސާ ހިފިއެވެ.

ސާބުން ފައުޖު އަރައިގެން އައިއިރު 20000 އެއްހާ މުސްލިމު އަންހެނުންނާ ކުޑަކުދިން އަދި ނާޒުކު ހާލުގައި ތިބި އެތައް ބަޔަކު ހިމާޔަތް ހޯދަމުންދިޔައީ ސްރޭއިބްރިނިޓްސާ ކައިރީގައި އޮންނަ ޕޮޓޯކާރީގައި ނެދަލަންޑްސްއިން ހިފާފައިވާ ބިމެއްގައެވެ.

ހަނގުރާމަ ގަދަވެގެން ދިއުމާއެކު، ނެދަލަންޑްސްއިން އަމާން ދިނެވެ. ބޮސްނިއާގެ މުސްލިމު އަންހެނުންނާ ކުޑަކުދިން ބަސްތަކަށް އަރުވައިގެން ހިމާޔަތަށް ގެންދެވުނެވެ. ނަމަވެސް ޖަމާއަތުގެ ތެރެއިން ފިރިހެނުންނާ ކުޑަ ފިރިހެން ކުދިން އެއް ފަރާތް ކޮށް، ދުރަށް ގެންގޮސް، ބަޑިޖަހާ މަރާލިއެވެ.

މި ގޮތަށް އެތައް ހާސް ބަޔަކު ގަތުލުކޮށް ބޮޑު ވަޅުގަނޑު އޮއްސާލީ ބުލްޑޯޒަރުތަކުގައި ގެންގޮހެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް މީހުން ވަޅުލާފައިވަނީ ދިރިހުއްޓާއެވެ. ބައެއް މީހުންގެ ދަރިން މަރާލީ އެމީހުންގެ ލޯ ކުރިމަތީގައެވެ.

2 ހަފުތާއެއްހާ ދުވަސް ފާއިތުވުމާ ގާތްވިއިރު، ބޮސްނިއާގެ 8000 އަށްވުރެ ގިނަ މުސްލިމުން ގަތުލުކޮށްފިއެވެ.

ހިސާބަކަށް ހަތިޔާރު ހިފައިގެން ހަރަކާތްތެރިވަމުންދިޔަ އދގެ ސުލްހަބަލަހައްޓާ މިޝަންއިންވެސް ކުރި ކަމެއް ނެތެވެ.

"އަހަރެން ސަލާމަތްވީ ޖަންގަލިތަކުގެ ތެރެއަށް ވަދެ ފިލައިގެން. 6 ރޭ ވަންދެން އެމީހުން (ސާބުން) އަހަރެން ޝިކާރަކުރެވޭތޯ އުޅުނު. ގިނަ އަދަދެއްގެ ފިރިހެނުންނާ ފިރިހެން ކުދިން މަރާލީ މަންޒަރު އަހަރެންގެ މި ލޮލުން ދުށިން. އަހަރެން ހުރީ ވަރަށް ބިރުން" އެ ގަތުލުއާންމުން ސަލާމަތްވި ހަސަން ހަސަނޯވިޗް، ބައިނަލްއަގުވާމީ މީޑިއާއަށް ކިޔައިދިނެވެ.

ބޮސްނިއާ ހަނގުރާމަ ތަހުގީގު ކުރުމަށް ދަ ހޭގްގައި އދއިން ކުރިއަށް ގެންދިޔަ ޓްރައިބިއުނަލްގައި، މި ގަތުލުއާންމު ރޭވިގެން އައި ގޮތް ވަރަށް ތަފްސީލުކޮށް ހާމަވެގެންދިޔައެވެ. އަދި މި ގަތުލުއާންމަކީ އުމުރު ދުވަހަށްވެސް، އދގެ ތާރީހު ނާމާން ކުރުވަނިވި ގަތުލުއާންމެއް ކަމަށް، އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާނު ވަނީ ވިދާޅުވެފައެވެ.