ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ލޮކްޑައުންއާއެކު، ކޮސްމެޓިކްސް ސާޖަރީ ނުވަތަ ޕްލާސްޓިކް ސާޖަރީއަށް ޑިމާންޑް އިތުރުވެފަ ވާ ކަމަށާ، ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓް ކުރާ މިފަދަ ކުލިނިކުތަކުން ރިޕޯޓް ކޮށްފިއެވެ.

ލޮކްޑައުން ތެރޭގައި ކޮސްމެޓިކްސް ސާޖަރީ ހަދާ މިންވަރު އިތުރުވެފަ ވަނީ، ގިނަ ބަޔަކަށް ގޭގައި ތިބެން މަޖުބޫރުވެ، އޮފީސް މަސައްކަތްވެސް ގޭގަ ތިބެގެން ކުރާ ގޮތަށް ބަދަލުވުމުން، ކޮސްމެޓިކްސް ސާޖަރީއަށް ފަހު މަލަން އަޅަންޖެހޭ ތަންތަން އެހެން މީހުންނަށް ސިއްރު ކުރެވުމުގެ ފުރުސަތު ބޮޑުވާތީކަމަށް ބުނެވެއެވެ.

ކޮވިޑް-19ގެ ލޮކްޑައުންގަ ހަރުކަށި ފިޔަވަޅުތަކަކާއެކު އޮޕަރޭޓް ކުރި ކޮސްމެޓިކްސް ސާޖަރީ ކުލިނިކުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކުރެވެއެވެ. މީގެ ތެރެއިން، އެމެރިކާ، ޖަޕާން، ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާއިން ވަނީ ޕޭޝަންޓުންގެ އަދަދު އިތުރުވި ކަމަށް ރެކޯޑް ކޮށްފައެވެ. އެންމެ ގިނަ ބަޔަކު ޑިމާންޑް ކުރި ކޮސްމެޓިކްސް ސާޖަރީތަކުގެ ތެރޭގައި ލިޕް ފިލާޒް، ބޯޓޮކްސް، ފޭސް ލިފްޓްސް އަދި ނޯސް ޖޮބްސް ހިމެނެއެވެ.

ލޮކްޑައުން ވެފައިވަނީ އެކި ސަބަބުތަކާއެކި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފައަށް ބަދަލު ގެނައުމަށް ބޭނުންވެ، އެހެން ނަމަވެސް މުޖުތަމައުން ބުނެފާނެ އެއްޗެއްގެ ބިރަށް ބަލާ، އެކަން ކުރަން ނުކުރެފަ ތިބި ގިނަ ބަޔަކަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.