ބަލިވެއިން އަންހެން މީހާގެ ބަނޑުގައިވާ ޕްލަސަންޓާ (މަސް) ގެ ޒަރިއްޔާއިން، ފީޓަސް (ބަނޑުގައި ޣަރުބަ ގަންނަ މުންދާ ތުއްތު ދަރިފުޅު) އަށް ކޮރޯނާވައިރަހުގެ އަސަރު ފޯރާ ކަމަށް އިޓަލީވިލާތުން ކުރި އާ ދިރާސާއެއް ބުނެފިއެވެ.

އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ކޮންފަރެންސްގަ ވާހަކަ ދައްކަވަމުން ޔުނިވާސިޓީ އޮފް މިލާންގެ ކްލޯޑިއޯ ޑރ ފެނީޒިއާ އާ ޓީމުން ވިދާޅުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އިންފެކްޓްވެފައިވާ މާބަނޑު 2 މީހަކު ވިހޭ 2 ކުދިން ވިހޭ އިރުވެސް އެ ބައްޔަށް ޕޮޒިޓިވްވެފަ ވާ ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ވޫހާން ސިޓީގެ ނަރުހެއް، އަލަށް އުފަންވި ތުއްތު ކުއްޖަކު އުރާލައިގެން/ފޮޓޯ: އެންބީސީނިއުސް

މި ޓީމުންވަނީ އިޓަލީވިލާތުގަ ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ވިހަން ގާތްވެފައިވާ، މާބަނޑު 31 މީހެއްގެ ދިރާސާ ކޮށްފައެވެ. ދިރާސާ ޓީމުންވަނީ މި އަންހެނުންނާ އެމީހުންގެ ދަރިންގެ ފުރިހަމަ ތަހުލީލުތަކެއް ހަދާފައެވެ. މީގެ އިތުރުން މަހާ، އަމްބިލިކަލް ކޯޑު (ފޫޅު)، މައިމީހާގެ ގާތުން އަންނަ ކިރު އަދި އަންހެން މީހާގެ ކުރިމަތީ ފަރާތުން އަންނަ ޑިސްޗްވެސް ތަހުލީލުކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގަ ވާހަކަދައްކަވަމުން ޑރ ފެނީޒިއާ ވިދާޅުވީ ޓެސްޓު ކުރެވުނު 31 މީހުންނަށް އުފަންވި ކުދިންގެ ތެރެއިން 2 ކުއްޖަކު ވިހޭއިރުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެ އިތުރުން މަހާ، އަމްބިލިކަލް ކޯޑުގެ ލެޔާ، އަންހެން މީހާގެ ކުރިމަތީ ފަރާ، ގާތުން އައި ކިރުގައިވެސް ވައިރަހުގެ އަސަރު ހުރި ކަމަށް ޑރ ފެނީޒިއާ ވިދާޅުވިއެވެ.

އަލަށް އުފަންވެފައިވާ ތުއްތު ކުދިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ކްލިކް2ހިއުސްޓަން

ޑރ ފެނީޒިއާ ވިދާޅުވީ 31 އަންހެނުންނަށް އުފަންވި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އަމްބިލިކަލް ކޯޑުން އެންޓިބޮޑީޒް ފެނިފައިވާކަމަށާ، މިފަދަ އެންޓިބޮޑީޒްއަކީ މައިމީހާގެ ހަށިގަނޑުން ދަރިފުޅަށް އާންމު ގޮތެއްގަ ވާރުތަކުރާނެ އެންޓިބޮޑީޒް ކަމަށް ނުވާއިރު، މިއީ ސީދާ އެ ދަރިފުޅުވެސް ކޮވިޑް-19އަށް އިންފެކްޓްވެފަ ވާ ކަން އަންގައިދޭ ކަމެއް ކަމަށެވެ.

މި އަންހެނުންނަށް ކޮވިޑް-19 ޖެހިފައިވަނީ ވިހަން ގާތްވެފަ ވަނިކޮށް ކަމުން، ބަނޑުގައި އޮތް ދަރިފުޅުގެ ހެދިބޮޑުވުމަށް އެކަމުން ނޭދެވޭ އަސަރެއް ނުކުރާ ކަމަށް ބުނެވެއެވެ.