ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވުރެ ނުރައްކާ، ގޮތް ނޭނގޭ ނިއުމޯނިއާ ހުމެއް، ކަޒަކިސްތާނުގައި ފެތުރެމުން ދާ ކަމުގެ އިންޒާރު، ކަޒަކިސްތާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް، އެގައުމުގައި ހުންނަ ޗައިނާ އެމްބަސީން ދީފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މި ހުމަކީ، ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހަށް ވުރެ ނުރައްކާ ރޯގާއެއް ކަމަށް ހަބަރު ލިބެއެވެ.

ޗައިނާގެ އެމްބަސީން އާންމު ކުރި އިންޒާރުގެ މެސެޖުގައި، ކަޒަކިސްތާނުގައި ފެތުރެމުންދާ ގޮތް ނޭނގޭ ރޯގާގައި މީހުން މަރުވާ ނިސްބަތް، ކޮވިޑް-19ގައި މަރުވާ މީހުންނަށް ވުރެ އިތުރެވެ. ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ވަނީ މި ބަލި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައި ކަމަށާ، ނަމަވެސް މި ބަލި ޖައްސާ ވައިރަސް އަދި ހޯދިފައި ނުވާ ކަމަށްވެސް ޗައިނާގެ މެސެޖުގައި ވެއެވެ.

ޗައިނާ އެމްބަސީން ބުނާ ގޮތުގައި ކަޒަކިސްތާނުގައި ފެތުރެމުންދާ ގޮތް ނޭނގޭ ހުމުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު 1772 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ޖޫން މަހު އެކަނިވެސް 628 މީހަކު މަރުވިއެވެ.

ޖޫން 29 އިން ޖުލައި 5 ވަނަ ދުވަހުގެ ނިޔަލަށް މި ހުން ޖެހިގެން 32000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާއިރު، މި މުއްދަތުގައި 451 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް ކަޒަކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ކަޒަކިސްތާނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރަށް ބަލާއިރު އެގައުމުން މިހާތަނަށް 53021 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 17620 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، 221 ޕޭޝަންޓެއް އޮތީ ސީރިއަސް/ކުރިޓިކަލް ހާލެއްގައެވެ. ކަޒަކިސްތާނުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 264 އަށް އަރައެވެ.