އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް 3000 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމަށް ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، ކޮވިޑް-19 އިން ރާއްޖެ ރައްކާތެރިކޮށް ދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމީހުންގެ ގޭބިސީ މީހުން އަދި ޑެލިވަރީ ހިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުގެ މަތިން 3000 އެންޓި ބޮޑީ ޓެސްޓު ހަދައިދިނުމަށް ނިންމާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.

އަދި އެ ޓެސްޓުތައް ކުރާނީ ރޯޗް ކޯބާސް އެލެކްސިސް "އީ-411" އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.

ހަމައެއާއެކު ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތުގައި ބޭނުން ކުރާނެ އުސޫލުތައް ކަނޑައަޅއި އެކަން ކުރުމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާތެރޭގައި ޓެސްޓް ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރާއްޖެ ރައްކާތެރިކުރުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތުގައި ކުރީ ސަފުގައި މަސައްކަތް ކުރާ އެތައް ބައެއްގެ މިންނަތް މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި އެ ފަރާތްތަކަށް ހައްގު ޝުކުރާއި ސާބަސް އަރިސްކުރާ ކަމަށް އޭޑީކޭއިން ބުނެއެވެ. އަދި އެ ފަރާތްތަކުން މި ބައްޔަށް ހުށަހެޅިފައިވާކަން ދެނެގަތުމަށް ބޭނުންވެ ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އެދެމުންދާ ކަންވެސް އޭޑީއެއިން ފާހަގަކޮށްފައި ވެއެވެ.