މިއަދު ކޮވިޑް ބަލީގައި މަރުވި 13 ވަނަ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެންގީ މައްޔިތާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށް ބުނާ ވާހަކަތަކެއް ހާމަ ވެއްޖެއެވެ.

މިއަދު މަރުވި 70 އަހަރުގެ އަނހެންމީހާ މަރުވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

އެ އަންހެން މީހާ މަރުވުމުން ހޮސްޕިޓަލުން ފުރާފައި ދިން ފޯމުގައި އޭނާއަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު ސަހަރާއަށް ގެންގޮސް ވަޅުލުމުގެ ކަންކަން އާއިލާގެ ފަރާތުން ކުރިއަށް ގެންދިޔައެވެ.

70 އަހަރުގެ އަންހެންމީހާގެ ކަށުކަމާކެމީގެ ފޯމު

އޮންލައިން ނޫހަކުން މައްޔިތާގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަމުން ދަނިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އައިޖީއެމްއެޗުން އެންގި ކަމަށެވެ. އަދި އާއިލާގެ މެންބަރުން ސަހަރާގައިވެސް މައްޔިތާ ކައިރީގައި އުޅެފައިވާ އިރު އާއިލާގެ ފަރާތުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެ ގޮތުން އައިޖީއެމްއެޗުން ކޮވިޑްގެ ނަތީޖާ ނުލިބެނީސް ހޮސްޕިޓަލުން ދޫކޮށްލުމުން އެތައް ބަޔަކު ނުރައްކަލަކަށް ހުށަހެޅިގެން ދިޔަ ކަމަށާއި އެއީ ވަރަށް ދެރަ މައްސަލައެއް ކަަމށް އާއިލާ އާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެފައި ވެއެވެ.

މިކަން މިހެން ހިނގާފައި ވަނީ ކީއްވެގެން ކަމެއް ނުވަތަ މިކަން ހިނގަން ދިމާވި ގޮތެއް އެޗްޕީއޭއަކުން ނުބުނެއެވެ. އެޗްޕީއޭ އާ ކުރި ސުވާލުގެ ޖަވާބު އަދި ވަނީ ނުލިބިއެވެ.

މިއަދު މަރުވި އަންހެން މީހާއަކީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 13 ވަނަ މީހާއެވެ.

މި ބަލީގައި މަރުވި 13 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 2501 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 2158 އަށް އަރާފައިވާ އިރު މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 326 މީހުންނެވެ.