ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމަކީ ޗައިނާއަށް ނުވެދާނެ ކަމަށާ، އެއްވެސް ހަރަކާތެއް ނެތި، މި ދުނިޔޭގައި ކޮރޯނާވައިރަސް އުޅޭތާ ދުވަސްތަކެއް ވެދާނެ ކަމަށާ، ވައިރަސް ފެތުރިގެން އައީ އެކަމަށް އެންމެ އެކަށީގެންވާ ވެއްޓެއް ތަނަވަސް ވުމުން ކަމަށްވެސް ވެދާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ތަޖުރިބާކާރުންނާ ހަވާލާދީ ޔާހޫއިން ރިޕޯޓްކޮށްފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޮ އެވިޑެންސް-ބޭސްޑް މެޑިސިންގެ ސީނިއާ އެސޯސިއޭޓް ޓިއުޓާ އަދި ނިއުކާސަލް ޔުނިވާސިޓީގެ ވިޒިޓިންގް ޕްރޮފެސާ ޑރ ޓޮމް ޖެފާސަން ވަކާލާތު ކުރައްވާ ގޮތުގައި، އޭޝިއާއިން ވައިރަހުގެ ކޭސްތައް ފެންމަތިވުމުގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަހުގެ އަސަރު ފެނިފައިވާކަމުގެ ހެކި ވަނީ ލިބިފައެވެ.

ކޮވިޑް-19ގެ އާ ކޭސްތަކަކާ ގުޅިގެން ޗައިނާގެ ވެރިރަށް ބެއިޖީންގްއިން ބަންދުކޮށްފައިވާ ޝިންފާދީ މާކެޓް ސަރަހައްދުގައި ޕެރާމިލިޓްރީ ފުލުހުން ފޯރިމަރަނީ/ފޮޓޯ: ގްރެގް ބޭކާ

މާޗް 2019 ގައި ސްޕެއިންގެ ނަރުދަމާ ނިޒާމުން ބޭރުވި ފެނުން ނެގި ސާމްޕަލްތަކުގައިވެސް ކޮވިޑް-19ގެ އަސަރު އެކުލެވޭ ކަމަށް އެ ގައުމު ވައިރޮލޮޖިސްޓުން ހުސްވި ހަފުތާގައި އިއުލާން ކުރި ކަމަށް ޔާހޫއިންވަނީ ރިޕޯޓްކޮށްފައެވެ. ސްޕެއިންގެ ނަރުދަމާއިން ބޭރުވި ފެނުން ވައިރަހުގެ އަސަރު ފެނުނު ކަމަށް މި ވަނީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން ކޭސް ފެނުނުތައް ގާތްގަނޑަކަށް 9 މަސްދުވަސް ކުރިންނެވެ.

އިޓަލީގެ ސައެންސްވެރިންވެސް ވަނީ މިފަދަ ހޯދުންތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދަކާ ހިސާބުގައި، މިލާންއާއި ޓޫރިންގެ ނަރުދަމާ ނިޒާމުން ބޭރުވި ތަކެތިން ނެގި ސާމްޕަލްގައި ކޮވިޑް-19ގެ އަސަރު ހުރި ކަމެއްވެއެވެ. މިއީ އިޓަލީވިލާތުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމުގެ އެތައް ހަފުތާއެއް ކުރީގެ ތާރީހެކެވެ. ބްރެޒިލްއަށް ބަލާއިރު، ކޮވިޑް-19ގެ އަސަރު ނޮވެމްބަރު މަހުވެސް ފެނުނު ކަމަށް ޔާހޫއިންވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާގައި ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ލެބެއްގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ/ފޮޓޯ: އޭއެފްޕީ

ޑރ ޖެފާސަން ގަބޫލުކުރައްވާ ގޮތުގައި ޑޮމާންޓް (ނިދާފައިވާ) ގިނަ ވައިރަސްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުގައިވެއެވެ. އަދި މިވައިރަސް ހޭލަނީ އެކަމަށް އެންމެ އެކަށީގެންވާ ހާލަތްތައް ވެށީގައި ފުރިހަމަ ވުމުން ކަމަށްވެއެވެ. މީގެ މާނައަކީ، ވައިރަސް ފެތުރިގެން އަންނަ ހަލުވި މިނުގައި ވައިރަސް ފިލާ ދިއުމުގެ ފުރުސަތު އޮތުން ކަމަށްވެސް ބުނެވެއެވެ.

"ސާސް 1 ކޮބާ؟ އެވެސް ހަމަ ހުރެ ގެއްލުނީ" ޑރ ޖެފާސަންއާ ހަވާލާދީ ޔާހޫއިން ރިޕޯޓްކޮށްފައިވެއެވެ. މިހާލަތުގައި މުހިންމީ ވައިރަހުގެ އިކޮލޮޖީ ދިރާސާކޮށް، ވައިރަސް އުފެދިގެން އައި ގޮތާ، ބަދަލުވަމުން އަންނަ ގޮތް ދިރާސާ ކުރުން ކަމަށްވެސް ޑރ ޖެފާސަން ވިދާޅުވެއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

މިކަމުގެ މިސާލު ޑރ ޖެފާސަން ޖެއްސެވީ ފޯކްލަންޑް އައިލަންޑްސްގައި ފެބުރުވަރީ މަހު ހިނގާދިޔަ ހާދިސާއަކުންނެވެ. އެއީ ސައުތު ޖޯޖިއާއިން ބޮއެނަސް އައިރީސްއަށް ދަތުރު ކުރަމުންދިޔަ ކުރޫޒްއެކެވެ. ހުރިހާ ފަސެންޖަރުން ސްކްރީން ކުރެވުނެވެ. ފުރަތަމަ ކޭސް ފެނުނީ 8 ވަނައަށް ވީ ދުވަހުއެވެ. އެހެންވީއިރު ވައިރަސް އައީ ކޮންތާކުން ހެއްޔެވެ؟ ކާބޯތަކެތި ތައްޔާރު ކުރަން ފިނި ކަނޑުވާލި ބާވަތްތަކެއްގެ ތެރެއިން ވައިރަސް ހޭލީ ތޯ ޑރ ޖެފާސަން ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ ގަރުނެއް ކުރިން ދުނިޔެ ދުށް ސްޕެނިޝް ފްލޫގައިވެސް ހިނގީ މިފަދަ ކަމެއް ކަމަށް ޑރ ޖެފަސަން ގަބޫލު ކުރައްވައެވެ.

މިކަމަށް ދެވެން އޮތް ހަމައެކަނި ހުއްޖަތަކީ އަބަދުވެސް ވައިރަސް އުޅޭ ކަމެވެ. ނަމަވެސް ވަކި ހާލަތެއް މެދުވެރިވުމުން ވައިރަސް ދިރި، ހަރަކާތްތެރިވާން ފެށުމެވެ. ފަހަރުގައި އެއީ އިންސާނުންގެ އާބާދީ ނުވަތަ ތިމާވެށީގެ ހާލަތަކަށްވެސް ވެދާނެ ކަމަށާ، ބަލަންވީ ކަމަކީ މިއީ ކަމަށްވެސް ޑރ ޖެފަސަން ވިދާޅުވި ކަމަށް ޔާހޫގައި ރިޕޯޓްކޮށްފައިވެއެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގެ ރޭލު ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ޑރ ޖެފަސަން ގަބޫލުކުރައްވާ އިތުރު ކަމެއްވެސް އެބައޮތެވެ. އެހެނީ ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރެނީ ހަމައެކަނި ނޭވާލާ ނިޒާމުން ބޭރުވާ ތިކިތަކުގެ ޒަރިއްޔާއިން ނޫން ކަމަށެވެ. ނަރުދަމާ ނިޒާމުގެ ތެރެއިންނާ، އެކަކު އަނެކަކާ ހިއްސާކުރާ ފާހާނާތަކުގެ ޒަރިއްޔާއިންވެސް ވައިރަސް ފެތުރިގެންދާ ކަމަށް ރިޕޯޓްގައިވެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޮ އެވިޑެންސް-ބޭސްޑް މެޑިސިންގެ ޕްރޮފެސާ ކާލް ހެނިގަންއާ ޑރ ޖެފާސަން ދަ ޓެލެގްރާފްގައި ޝާއިއު ކުރެއްވި ލިޔުމަކަށް ބަލާއިރު، މިކަމުގެ އިތުރު ތަހުގީގުތައް ހިންގެވުމަށް ވަނީ ގޮވާލައްވާފައެވެ. މިސާލު ޖެއްސެވީ 1854 ވަނަ އަހަރު ލަންޑަންގައި ކޮލެރާ ރޯގާ ފެތުރިގެން ދިޔައީ އިންފެކްޓްވެފައިވާ ފެން ވަޅަކުން ދެނެގަތުމަށް ޖޯން ސްނޯ ކުރިއަށް ގެންދެވި ދިރާސާއިން ކަމަށް ޔާހޫގެ ރިޕޯޓްގައިވެއެވެ.

އިޓަލީވިލާތުގެ ރޯމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ކޮވިޑް-19 ޕޭޝަންޓަކަށް ފަރުވާ ދެނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކާބޯތަކެއްޗާ ގުޅުންހުރި ކާރުހާނާތަކާ، އެއްގަމު މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ޕްލާންޓްތަކުގައި ބޮޑެތި ކްލަސްޓާތަކެއް އުފެދިފައިވާއިރު، އެކަންވެސް ދިރާސާ ކުރަންޖެހެއެވެ. ނަރުދަމާ ނިޒާމުން ބޭރުވެގެންދާ ފެނުގެ ފިނިހޫނުމިން ހުންނަނީ 4 ޑިގްރީޒްގައި ކަމަށްވާއިރު، މަސްބަންދުކުރާ ކާރުހާނާތަކުގެ ފިނިހޫނު މިނަކީވެސް މިއީ ކަމަށްވުމުން މިކަމުގައި ގުޅުމެއް އޮތުމުގެ ފުރުސަތު ބޮޑެވެ. މަސްބަންދުކުރާ ކާރުހާނާތަކުން ކްލަސްޓާ ފެނުމަކީ އަތް ނުދޮވެގެން ބަލިޖެހޭކަމަށް ކުރާ ދައުވާއާ ފުށޫ އަރާ ކަމެއް ކަމަށް ޑރ ޖެފާސަން ފާހަގަކުރައްވައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ރަސްމީ ސިފައެއްގައި ފާހަގަވާން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. މި ވައިރަހުގެ ފެށުމަކީ އަދި އަސްލަކީ ކޮބައިކަން ހޯދުމަށް ކުރާ ދިރާސާތައް އަދިވެސް ކޮޅެއްގައި ޖެއްސިފައި ނުވާއިރު، ތަޖުރިބާކާރުންގެ ޓީމެއް މި ހަފުތާ ތެރޭގައި ޗައިނާއަށް ދަތުރު ކުރާނެއެވެ.