ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ، ކުންފުންޏާއި ހަވާލުކުރީ، 2016 ވަނަ އަހަރުގެ މާޗު މަހުއެވެ. އަދި އޭގެ ފަހުން އެ މަޝްރޫއުގެ އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއި ކުރީ 2017 ވަނަ އަހަރު މާޗު މަހުއެވެ.

މި މައްސަލަ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ދެމުން ނުދާތީއެވެ. އެ މަޝްރޫގެ 20 ޕަސެންޓް ނިމި، ޕައިލިން މަސައްކަތުގެ 60 ޕަސަންޓް ނިމިފައިވާ ކަމަށް އެ ކުންފުންޏާއި ހަވާލާދީ މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް އެއްވެސް ފައިސާ އެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ އިންވޮއިސް އަށް މިހާރުގެ އެކްސްޗޭންޖު ރޭޓަށް ބަލާއިރު އެ ފައިސާއަށް 22,823,432.68 ޑޮލަރު އަރާ ކަމަށެވެ. އެފައިސާ ހަތް ދުވަސް ތެރޭގައި ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

މީގެކުރިން އެކުންފުންޏާއި ހަވާލާދީ މެލޭޝިއާގެ ބައެއް މީޑިއާތަކުގައި ވަނީ އިތުރު 30-40 މިލިއަން ޑޮލަރު ހޯދުމަށް އިތުރު ދައުވާއެއް ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ކުރާ ދައުވާއެއް ނުބުނެއެވެ.