އަދާ ޖެހުނުއިރުވެސް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް މިވަގުތަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމަކީ ފޭސް މާސްކެއް އެޅުން ކަމަށް، ސިއްހީ ތަޖުރިބާކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް، ފޭސް މާސްކާ ގުޅިގެން ތަފާތު އެކި ގޮތް ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެނީ ކަމީވެސް މަސްރަހުގައި ހިނގަމުންދާ ކެމެކެވެ. ފޭސް މާސްކު އެޅުމަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ލިބުމަށް ހުރަސް އަޅާނެ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނައިރު، މިއީ ހަށިގަނޑުން ބޭރުވެގެންދާޖެހޭ ކާބަންޑައިއޮކްސައިޑްގެ ވިހަ މާއްދާ، ހަށިގަނޑުގައި ހަރުލާ ގޮތް މެދުވެރި ކުރުވަފާނެ ކަމެއް ކަމަށްވެސް ބައެއް މީހުންނަށް ގަބޫލު ކުރެވެއެވެ. އަނެއް ބަޔަކު އެންމެ ޖެހިލުންވަނީ މާސްކުގެ ސަބަބުން ބެކްޓީރިއަލް އިންފެކްޝަނެއް ކުރިމަވެ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިވެ ހިނގައިދާނެތީއެވެ.

ކޮވިޑް 19 މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ސިއްހީ ތަޖުރިބާކާރުން ދަނީ ހީތަކަށް ސަރީހަ ޖަވާބެއް ހޯދާދީ، ހައްލެއް ހޯދާ ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސައުތު ކެރޮލައިނާގެ ޑޮކްޓަރެއް ކަމަށްވާ މޭގަން ހޯލް ވަނީ ތަފާތު އެކި ކަހަލަ މާސްކު ބޭނުންކޮށްގެން، އޭނާގެ ހަށިގަނޑުގައި އޮކްސިޖަން އެކުލެވޭ މިންވަރަށް ނޭދެވޭ ބަދަލެއް އައިސް ނުވާކަން ސާބިތުކޮށްދީފައެވެ. ފޭސްބުކްގައި އޭނާ ހިއްސާކުރި މައުލޫމާތުގައި ޑރ ހޯލް ބުނީ މާސްކު އެޅުމުގެ ސަބަބުން ޒާތެއްގެ އުނދަގުލެއް ބައެއް މީހުންނަށް ކުރެވުނު ނަމަވެސް، އެމީހަކަށްވެސް ނޭވާ ލަމުން ދެވޭނެ ކަމަށެވެ.

ކުރެވެނީ ކުށް ހީ އެއްތަ؟

މާސްކު އެޅުމަކީ ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރައްކާތެރި އެއް ގޮތެވެ.

ކޮވިޑް-19ގެ ވައިރަސް ހަށިގަނޑު ތެރޭގައި ހުރެމެ، ބޭރު ފުށުން އަލާމާތްތައް ނުފެންނަ އެސިމްޓޮމެޓިކް މީހުންވެސް އުޅެއެވެ. މިފަދަ މީހުން ނޭވާލާ ހަދާއިރު އަނގަޔާ ނޭފަތާ ކަރު ތެރެއިން ބުރައިގެންދާ ވައިރަހުގެ ތިކިތައް 6 ފޫޓު ދުރަށް ފޯރައެވެ. ނަމަވެސް މާސްކު އެޅުމުގެ ސަބަބުން މިފަދަ ބައެއް ތިކިތައް މިނިވަންކަމާއެކު އުދުހިގެން ދިއުމަށް ހުރަސް އަޅައެވެ. މާސްކުގެ ސަބަބުން މިފަދަ ބައެއް ތިކިތައް، ވަޔާއެކު ފޮނުވާލަނީ ތިރިއަށެވެ.

މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މިޝިގަންގެ ސްޕެކްޓްރަމް ހެލްތް ގައި މަސައްކަތް ކުރައްވާ ޑރ ލިއަމް ސަލިވަން ބުނާ ގޮތުގައި، މާސްކަކީ ނުރައްކާތެރި އެއްޗެއް ނަމަ އޮޕަރޭޝަން ތިއޭޓަރުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ނަރުހުން ބަލިވެގެން އަންނަ ކޭސްތަކުގެ އަދަދު އިތުރުވާނެ ކަމަށެވެ. އެގޮތުން މާސްކު އަޅައިގެން ހުންނަންޖެހިގެން އޮކްސިޖަން ނުލިބިގެން ނުވަތަ ކާބޮންޑައިއޮކްސައިޑް ގިނަވެގެން ޑޮކްޓަރެއް ނޫނީ ނަރުހެއްގެ ހެއަށް ގޮތްވީތީ ފެނިފައި ނުވާކަމަށް އޭނާ ބުނެއެވެ.

ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ އެރޯސޯލް ސައެންޓިސްޓެއް ކަމަށްވާ އެސޯސިއޭޓް ޕްރޮފެސާ ކްރިސްޓަން ކޮއެލާ ބުނީ ސާޖިކަލް މާސްކު ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަންއާއި ކާބަންޑައިއޮކްސައިޑް އެކުލެވޭ މިންވަރަށް ހަގީގީ ބަދަލުތަކެއް އަންނަ ކަމުގެ ސައެންޓިފް ހެކި ލިބިފައި ނުވާ ކަމަށެވެ. އަދި ފޮތި މާސްކުތަކުގައި މާ ފަސޭހެއިން ގޭސްތަކަށް ދަތުރު ކުރެވޭ ކަމަށް އޭނާ ބުނެއެވެ.

ކޮވިޑް 19 މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

"މާސްކު އެޅީމަ ބައެއް މީހުންނަށް ހޫނުވާނެ. އެހެންވެ، އޯވާހީޓް ވެގެންވެސް އެފަދަ އިހުސާސްތަކެއް ބައެއް މީހުންނަށް ކުރެވިދާނެ" ކޮއެލާ ބުންޏެވެ.

އެމެރިކާގެ ނޭޝަނަލް ފައުންޑޭޝަން އޮފް އިންފެކްޝަސް ޑިޒީޒަސް ގެ މެޑިކަލް ޑައިރެކްޓާ ޑރ ވިލިއަމް ޝެފްނާ ބުނާ ގޮތުގަ ބައެއް މީހުން މާސްކު އަޅަން ޖެހިލުން ވަނީ، މާސްކު އަޅައިގެން ހުންނަ ވަގުތު ނޭވާލާން އުނދަގޫތަކެއް ވާތީއެވެ.

"ރަނގަޅަށް މާސްކު އަޅައިފިއްޔާ އެއީ ތެދެއް، ނޭވާލާން ބުރަތަކެއް ކުރިމަތިވާ ގޮތްވެދާނެ. އެކަމަކު އޭގެ މާނައަކީ، ފިލްޓަރެއްގެ ގޮތުގައި މާސްކު މަސައްކަތް ކުރަނީއޭ. ފިލްޓަރެއް ހުރަސްކޮށް ނޭވާ އެތެރެކޮށް، ބޭރު ކުރަން، އިތުރު މަސައްކަތެއް ކުރަން ޖެހޭ" ޑރ ޝެފްނާ ފާހަގަކުރިއެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި އެމީހުން މާސްކު ނާޅަނީ ނޭވާ ހިއްލާތީއެވެ. ނޫނީ ނޭވާލާ ނިޒާމުގެ އެހެންވެސް ބައްޔެއް ހުންނާތީއެވެ. ނަމަވެސް ޑރ ސަލިވަންގެ ވާހަކަ ތަފާތެވެ. ޑރ ސަލިވަން ބުނާ ގޮތުގައި ހަގީގަތުގައިވެސް ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަކީ މާސްކު ބޭނުން ކުރަން ފަސް ޖެހޭ ބައެއް ނޫނެވެ. މާސްކު ބޭނުން ނުކޮށްފިނަމަ އެމީހުންގެ ހަށިގަނޑަށް ލިބިދާނެ ގެއްލުމުގެ ނުރައްކާ، އެފަދަ ފަރާތްތަކަށް މާ ރަނގަޅަށް ފަހުމްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް މާލޭގެ މަގުމަތީގައި މީހަކު މާސްކް އަޅައިގެން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދެން އޮތީ ބެކްޓިރިއާ އިންފެކްޝަނެއް ޖެހިދާނެ ކަމަށް ކުރާ ދައުވާގެ ވާހަކައެވެ. ވަކިން ހާއްސަކޮށް، ހޫނު ގައުމެއްގައި މާސްކު އެޅުމުން މާސްކުގައި ތެތްކަމެއް އުފެދި ބެކްޓީރިއާ އަށަގެންފާނެ ކަމަށް ބައެއް މީހުން ޖެހިލުންވެއެވެ. ނަމަވެސް ޑރ ޝެފްނާ ބުނާ ގޮތުގައި މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ލިބިފައެއް ނެތެވެ. ބޭނުން ކުރާ ފޮތި މާސްކު ތެމިއްޖެނަމަ އާ މާސްކެއް އަޅާ، ބާ މާސްކު ދޮވެލާށެވެ. ސާޖިކަލް މާސްކެއް ނަމަ މާސްކު އެއްލާލުމަށްފަހު އަނެއްކާވެސް އާ މާސްކެއް އަޅަން ޑރ ޝެފްނާ އިރުޝާދުދެއެވެ.

ޑރ ސަލިވަންއާއި ޑރ ޝެފްނާ އިއްތިފާގުވާ އެއް ކަމެއް އަދި އެބައޮތެވެ. އެހެނީ، މާސްކެއް އަޅައިގެން ދިފާއީ ނިޒާމު ބަލިކަށި ނުވާނެ ކަމެވެ.

މާސްކު އަޅަން ގިނަ ބަޔަކު އިންކާރު ކުރާ ހަގީގީ ސަބަބު

މާސްކު އަޅަން ގިނަ ބަޔަކު ޖެހިލުން ވަނީ ނަފްސާނީ ސަބަބުތަކަކާ ހެދިއެވެ. ތަޖުރިބާކާރުންނަށް މިކަން ގަބޫލުވެސް ކުރެވެއެވެ. އާނއެކެވެ. އާންމު ތަނެއްގައި އަބަދާ އަބަދު މާސްކެއް އަޅައިގެން އުޅުމަކީ އާދައިގެ ކަމެއް ނޫނެވެ.

ބަލި ފެތުރޭ ސަރަހައްދަށް ދަތުރެއް ކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ މާސްކް އަޅައިގެން އުޅުމަށް ސިއްހީ ތަޖުރިބާކާރުން އިލްތިމާސްކުރޭ/ފޮޓޯ: އެސްސީއެމްޕީ

މާސްކު އެޅުމަކީ ބުރަ ކަމެއް ކަމަށް ޑރ ސަލިވަން އެއްބަސްވެއެވެ. ކޮއެލާ ބުނާ ގޮތުގައި ޖިސްމާނީ ގައިދުރުކަން އިސްކޮށް، ގިނަ ގިނައިން އަތް ދޮވުމަށް ސިއްހީ މާހިރުން އިރުޝާދު ދެނީވެސް މިހެންވެއެވެ. ޑރ ސަލިވަން ބުނާ ގޮތުގައި މާސްކު އެޅުމަކީ އިންސާނީ ވަންތަކަމާ ގުޅިފައި އޮތް ކަމެކެވެ. އަނެއް އިންސާނާއަށް އިހުތިރާމުކޮށް، އޭނާ ރައްކާތެރި ކޮށްދީ، ތިބާ ވަށައިގެންވާ ހުރިހާ މީހުންނަށް އިހުތިރާމް ކުރުމާ ގުޅިފައިވާ ކަމެކެވެ.

މާސްކު ނާޅާ މަގު މައްޗަށް ނިކުމެ އުޅުމަށް ދެން ދައްކަން އޮތީ ކޮން އުޒުރެއް ހެއްޔެވެ؟