ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ވާރުތަކުރާ ބަލިތައް (ޒޫނޮޓިކް ޑިޒީޒަސް) އިތުރު ވަމުން އަންނަ ކަމަށާ، ތިމާވެއްޓާއި ވަލު ޖަނަވާރުގެ ދިރުންތައް ހިމާޔަތް ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މި ބަލިތައް އަދިވެސް ދާނީ އިތުރުވަމުން ކަމަށް އދގެ ތަޖުރިބާކާރުން އިންޒާރު ކުރައްވައިފިއެވެ.

އދގެ ތަޖުރިބާކާރުންގެ ޕެނަލުން ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޒިންމާ، ޖަނަވާރުން ލިބޭ ޕްރޮޓީންއަށް ޑިމާންޑް އިތުރުވުމާ، ދެމެހެއްޓެނިވި އުސޫލާ ހިލާފަށް ހިންގާ ދަނޑުވެރި ކަމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދިމާލަށް އަމާޒު ކުރައްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް އިންކިއުބޭޓް ކުރި ކަމަށް ތުހުމަތު ކުރެވޭ ޒާތުގެ ޕެންގޮލިންއެއް/ފޮޓޯ: ސީއެންއެން

ކޮވިޑް-19ގެ ސަބަބުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އިގުތިސޯދަށް 9 ޓްރިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ. އެބޯލާ، ވެސްޓް ނައިލް ވައިރަސް އަދި ސާސް ރޯގާއަކީވެސް ޒޫނޮޓިކް ބަލިތަކެކެވެ. މިއީވެސް ޖަނަވާރުތަކެއްގެ ހަށިގަނޑުގައި އުފެދި، އިންސާނުންގެ ހަށިގަނޑަށް 'ފުންމާލި' ބަލިތަކެކެވެ.

ތަޖުރިބާކާރުންގެ ރިޕޯޓް ބުނީ ކީކޭ؟

ޖަނަވާރުންގެ ހަށިގަނޑުގައި އުފެދޭ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ފުންމާލަނީ އޮޓަމެޓިކަކުން ނޫންނެވެ. އެއީ ކޮންމެވެސް ގޮތަކުން ދަތުރެއް ކޮށްގެން ފޯރާ ވައިރަސްތަކެއް ކަމަށް، އދގެ ތިމާވެށީގެ މަޝްރޫއު (ޔުނެޕް) އަދި އިންޓަނޭޝަނަލް ލައިވްސްޓޯކް ރިސާޗް އިންސްޓިޓިއުޓް ގުޅިގެން އެކުލަވާލި ދިރާސާ ބުނެއެވެ. މި ގޮތަށް ވައިރަސް ފުންމާލުމަށް މެދުވެރިވާ ހާލަތްތަކުގެ ތެރޭގައި ބިންގަނޑަށް ގެއްލުން ދިނުން، ވަލުޖަނަވާރުގެ ނާޖާއިޒު ބޭނުން ހިފުން، ގުދުރަތީ ވަސީލަތްތައް ހޯދަން މައިން ކުރުން، އަދި މޫސުމީ ނޭދެވޭ ބަދަލުތައް ހިމެނޭ ކަމަށް ރިޕޯޓްގައިވެއެވެ. މި ކަންކަމަކީ ޖަނަވާރުތަކާ އިންސާނުންނާ އޮންނަ އާންމު އުސޫލުން ބޭރު ގުޅުންތަކެއް ގުޅުވާ ކަންކަމެވެ.

ޔުނެޕްގެ އެގްޒެކެޓިވް ޑައިރެކްޓާ އަދި އަންޑާ ސެކްރެޓަރީ ޖެނެރަލް އިންގާ އެންޑާސަން ވިދާޅުވީ ފާއިތުވީ ގަރުނެއްހާ ދުވަހަށް ބަލާއިރު، ކޮރޯނާވައިރަހުގެ އާ ރޯގާތަކުގެ 6 ބަލިމަޑުކަމެއް ފާހަގަ ކުރެވިފައި ވާކަމަށެވެ.

ތައިލޭންޑްގައި ރުއްއަރަން ރާމާ މާކުނުތަކަށް ތަމްރީނު ދޭ/ފޮޓޯ: ގެޓީ އިމޭޖަޒް

ފާއިތުވީ 20 އަކަށް އަހަރަށް ބަލާއިރު (ކޮވިޑް-19ގެ ކުރިއަށް)، ޒޫނޮޓިކް ޑިޒީޒަސްގެ ސަބަބުން މުޅި ދުނިޔެއަށް ލިބުނު އިގުތިސޯދީ ގެއްލުމުގެ އަގު، 100 ބިލިއަން ޑޮލަރަށް އަރާ ކަމަށް އިންގާ އެންޑާސަން ވިދާޅުވިއެވެ.

އަޅާ ނުލާ ދޫކޮށްލާފައި އޮންނަ ޒޫނޮޓިކް ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް 2 މިލިއަނެއްހާ މީހުން މި ދުނިޔެއާއި ވަކިވަމުންދާކަން، އދގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. މީގެ ތެރޭގައި އެންތްރެކްސް، ބޯވީން ޓީބީ އަދި ރޭބީޒް ފަދަ ބަލިތައް ހިމެނޭ ކަމަށް އިންގާ އެންޑާސަން ވިދާޅުވިއެވެ. މި ކަންކަން އާންމުކޮށް ފާހަގަ ކުރެވިފައިވަނީ ތަރައްގީ ބިޔަ މަޝްރޫއުތައް ހިންގާ ސަރަހައްދުތަކާ، ނާމްސޫފީގެ ބާވަތްތަކަށް އިންތިހާއަށް ބަރޯސާވެފައިވާ އާބާދީތަކުގެ އިތުރުން، ވަލު ޖަނަވާރުތަކުގެ ވެއްޓާ އިންތިހާ ގާތުގައި ދިރިއުޅެމުންދާ މުޖުތަމައުތަކުން ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ލޯރާ ހާސްޓްގެ ކަރުގައި އޮޅާލާފައި އޮތް ޒާތުގެ ޕައިތަން އާއިލާގެ ހަރުފައެއް/ފައިލް ފޮޓޯ: އީޕީއޭ

ފާއިތުވީ ބައި ގަރުނަށް ބަލާއިރު އެއްގަމު މަހުގެ ބާވަތްތައް އުފައްދާ މިންވަރު 260 ޕަސެންޓް އިތުރުވެފައިވާއިރު، ދަނޑުވެރިކަމުގެ މަސައްކަތްވެސް ވަނީ އިންތިހާއަށް ކޮށްފައެވެ. ޑޭމްތައް އެޅުމާ، ދަނޑުބިންތައް ފެން ނެގުމާ، ކާރުހާނާ އުސޫލުން ޖަނަވާރު ގެންގުޅޭ ދަނޑުތަކަކީ، އިންސާނުންނަށް އެކި އިންފެކްޝަންތައް ޖެއްސުމުގެ 25 ޕަސެންޓް ހިއްސާއެވެ.

އދގެ ތަޖުރިބާކާރުންގެ ޓީމުން އެކުލަވާލި ރިޕޯޓަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ނުދާނެ އުސޫލަކުން ކަންކަން އިންތިޒާމު ކުރުމަށް ސަރުކާރުތަކަށް އިސްތިރާޖުތަކެއް ދޭ ރިޕޯޓެކެވެ. އެގޮތުން ދެމެހެއްޓެނިވި އުސޫލުތަކަށް އަމަލު ކުރާ ފަރާތްތަކަށް އިންސެންޓިވް ނުވަތަ ސަބްސިޑީ ދިނުމާ، ސައެންސްގެ ދިރާސާތައް ފުޅާ ކުރުން ފަދަ ކަންކަން ހިމެނެއެވެ.