ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގައި ބޭސްވެރިކަން ކިޔަވާދޭ ސްކޫލުތަކުގައި މަސައްކަތް ކުރަމުންދިޔަ 48 ޑޮކްޓަރަކު އިސްތިއުފާ ދީފިއެވެ.

މި ޑޮކްޓަރުންތައް ވަޒީފާއިން އިސްތިއުފާ ދީފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތް ކުރަންޖެހޭއިރު، ހަށި ރައްކަލަށް ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ނުލިބޭ މައްސަލަ ބަޔާން ކުރުމަށް ފަހުގައެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ސިއްހީ ހިދުމަތްތެރިން ހައްޔަރުކުރަނީ/ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ސިއްހަތާ ބެހޭ އިދާރާއިން ބުނީ އިސްތިއުފާ ދިން ޑޮކްޓަރުންގެ ތެރޭގައި ގިނައީ ޒުވާން ޑޮކްޓަރުން ކަމަށާ، ކަމާ ބެހޭ ފަރާތްތަކުން އެމީހުންގެ އިސްތިއުފާ ބަލައިވެސް ގެންފައި ވާ ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ޑޮކްޓަރުން އެއް ފަހަރާ އިސްތިއުފާ ދިނުމާއެކު، ޕާކިސްތާނަށް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ޕާކިސްތާނަށް ސަރުކާރަށް މާ މުހިންމު ކަމެއް ކަމުގައި ނުވާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ޕާކިސްތާނުގެ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 5000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މީގެ ތެރޭގައި 3000 އެއްހާ ޑޮކްޓަރުންނާ 600 ނަރުހުންވެސް ހިމެނެއެވެ.

ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ޕާކިސްތާނުގެ މިސްކިތަކަށް އާންމުން ވަނުމަށް ގައިދުރުކަމުގެ އުސޫލުން ސަފު ހަދާފަ/ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ، 231818 އަށް އަރާފައެވެ. އަދި މި ބަލީގައި 4762 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 12 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރަމުންދަނީ ޕާކިސްތާނުންނެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ، އިގުތިސޯދު ގުރުބާން ކުރަންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ބުނެފައެވެ.