ވެށިފަހި ޕްރޮގްރާމާ ގުޅޭ ދައުލަތުގެ ބައެއް ލިޔެ ކިޔުންތައް ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި ޕްރޮގްރާމްގެ ދަށުން ފޯމް ހުށަހެޅި ފަރާތަތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ޗާކުވާ ހުށަހަޅާފައިވާ އިރު ވެށިފަހި މާލެ ޕްރޮގްރާމްގެ ލިޔެ ކިޔުންތައް ފުރިހަމައަށް ބެލެހެއްޓިފައި ނުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ދެ މިނިސްޓްރީ އެއްކޮށްލުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު ކުރެވުނު އިއުލާނާ ގުޅިގެން އާންމުން ހުށަހަޅާފައިވާ ޝަކުވާއާއި ލިޔެކިޔުންތަކަށް ބަލާއިރު އެކަމާ ގުޅުން ހުރި ބައެއް ލިޔެ ކިޔުންތައް ސަރުކާރުގެ ތެރޭގައި ފެންނަން ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވުމާ އެކީގައި ދައުލަތުގެ ލިޔެ ކިޔުންތަަކަށް ވާނުވާ ނޭނގުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އޭގެތެރެއިން ބައެއް ލިޔެކިޔުންތައް ބައެއް ބޭބޭފުޅުންގެ އަތުގައި ހުރެދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ދައުލަތުން ސައްހަ ލިޔުމެއްކަން ކަށަވަރު ކުރެވޭނެ ލިޔުމެއް ހުށަހަޅައިފި ފަރާތެއް ވެއްޖިއްޔާ އެ ލިޔުން ވެރިފައި ކުރުމަށްފަހު އޭގައި ބަޔާންކޮށްފައިވާ ގޮތަކަށް އަމަލުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 98 ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާލުވިއެވެ. އޭގެ އިތުރުންވެސް ޝަކުވާތައް އައިސްފައި ހުރި ކަމަށާއި 160 އާ ގާތްކުރާ އަދަކަކށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމަށް 507 ފަރާތެއް މާލެއިން ބިން ދޫކޮށްލާ ގޮތަށް މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަަމަށާއި 245 ފަރާތަކަށް މާލެއިން ބިން ދޫކޮށްލާ ގޮތަށް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށާއި 101 ފަރާތެއް އަރަބިއްޔާ އަދި ގާކޮށި ފްލެޓަށް ވަދެފައިވާ ކަމަށާއި 98 ފަރާތަކަށް ހުޅުމާލެއިން ފްލެޓްތަކަށް ވަދެވުނު ކަމަށެވެ.