މެދުރާއްޖެތެރޭގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ، ލ) ގައި ހިމެނޭ ރަށެއްގައި ޒިންމާދާރު މަގާމެއްގައި ހުރި މީހަކު 16 އަހަރުގެ ފިރިހެން ކުއްޖަކާމެދު ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަ ނުކުރާނެ ކަމާށާއި ކުއްޖާގެ އައިޑެންޓީޓީ ރައްކާތެރި ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހާދިޔާތައް ހިނގާ ރަށާއި އަތޮޅު ހާމަ ނުކުރަނީ ވެސް އެހެންވެއެވެ.
ކުޑަކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅާށް މީހުން ދަނީ އަޑުއުފުލަމުންނެވެ. ވޮއިސްއޮފް މޯލްޑިވްސްގެ އިސްނެގުމުގެ މަތިން މި މުޒާހަރާތައް ދަނީ ސިލްސިލާކޮށް ބާއްވަމުންނެވެ. މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ.