ފަސް ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރަލާއި މަސްތުވާތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ބަލާ ފާސް ކޮށްފައި ވަނީ ވިލިމާލެ އާއި ށ. ކޮމަންޑޫ އާއީ ނ. ވެލިދޫ އާއި ގދ. ދެ ރަށަކެވެ،

ފުލުހުން ބުނީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެ މީހުންގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ ގދ. ދެ ރަށަކުން ވެސް މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެންނެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ ގދ. ވާދޫ އިން ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަޅު ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގެއިން މަސްތުވާތަކެތި ޝައްކު ކުރެވޭ ރަބަރު ދެ ޕެކެޓު ފެނިފައިވާ ކަމަށެވެ.

ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެރަށަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ މައްސަލާގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ. އަދި އޭނާގެ ބަންދަށް 12 ދުވަސް ވަނީ ޖަހާފައެވެ.

ކޮމަންޑޫގެ މަގެއްގެ މަތީގައި ހުރި ގަސް މުށި ތަކެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.