މަސްވެރިކަމާ ގެދޮރުވެރިކަމުގެ 50 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސައުދީއާއެކު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫއާއި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީޫކުރުމު މަސައްކަތަށް 771 މިލިއަން ރުފިޔާގެ އެހީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދިނުމާ ބެހޭ އެއްބަސްވުމުގައި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއަށް 25 މިލިއަން ޑޮލަރު އަދި މަސްވެރިކަން ތަރައްގީކުރުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެއެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގް ޕްރޮޖެކްޓުން 2700 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިންގާ މަޝްރޫއުން މަސްވެރިކަމާ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ 25000 ދިވެހިންނަށް އެކަމުގެ ސަބަބުން ފައިދާވެގެންދާނެކަމަށް މިނިސްޓަރު މިއަދު ފާހަގަކުރެއްވިއެވެ.

އެ ދެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަަރު ޝާހިދު ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ އެއްބަސްވުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

މަސްވެރިކަމާ ގެދޮރުވެރިކަމުގެ 50 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސައުދީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

އަދި ސައުދީއިން އެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިގަތިސޯދަށް ދިމާވި ހީނަރުކަމާއެކު، ބޭރުގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެ އެހީއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އަތްފޯރާ އަގެއްގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް އެހީވާ ގައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި، ހުޅުމާލޭ ދެވަނަ ފިޔަވަހި މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވިއެވެ. އަދި ސައުދީއިން އަބަދުވެސް ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސައުދީ ރަސްގެފާނު، ދެ ހަރަމްގެ ހާދިމް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދާއި، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހައާއި ދިވެހި ސަރުކާރާ ރައްޔިތުންގެ ފަރާތުން ހާއްސަ ޝުކުރެއް މިނިސްޓަރު ވަނީ އަދާކުރައްވާފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.