އިންގްލިޝް ޕްރިމިއާ ލީގުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓަޑުން ރޭ ބޯންމޮތްއާ ކުޅުނު މެޗު ފަހަތުން އަރާ 5-2 އަކުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެލިގޭޝަނާ ހަނގުރާމަކުރަމުން އަންނަ ބޯންމޮތުންނެވެ. އެޓީމުގެ ޖޫނިޔާ ސްޓެނިސްލާސްގެ މިލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގްގުޔާއަށް ހެދުނު ގޯހަކުން ޖެހި ލަނޑެކެވެ.
މެޗުގެ 29 ވަނަ މިނެޓްގައި މެންޗެސްޓާ އަށް އެއްވަރުކޮށް ދިން ލަނޑު ޖަހާދިނީ އުމުރުން އެންމެ 18 އަހަރުގެ ފޯވަޑް މޭސަން ގްރީންވުޑެވެ. އެއަށް ފަހު އެޓީމުގެ މާކަސް ރަޝްފޮޑާ އެންތޮނީ މާޝިއަލްގެ ފަރާތުން ވެސް ލަނޑުތަކެއް ފެނުނު އިރު ފުރަތަމަ ހާފް ނިމުނީ މެންޗެސްޓާ 3-1 އަކުން ކުރީގައި އޮވެގެންނެވެ.
އެހެން ނަމަވެސް ދެވަނަ ހާފް ފެށުނުތަނާ ހެން ބޯންމޮތަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން 3-2 އަކަށް ސްކޯ ހެދިއެވެ. މިގޮތަށް ސްކޯ މާގިނަ އިރު އޮތަ ނުދީ ޒުވާން ފޯވަޑް ގްރީންވުޑް ވަނީ މެޗުގައި އޭނާ ޖެހި ދެ ވަނަ ލަނޑު ގޯލުގެ ތެރެއަށް ވައްދާލާ 4-2 އަކަށް ސްކޯ ހަދާފައެވެ.
މެޗުގައި މެންޗެސްޓާ ޖެހި 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެޓީމުގައި މި ވަގުތު އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއެއް ކަމަށްވާ ބްރޫނޯ ފަނާންޑޭޒް އެވެ.
ރޭގެ މޮޅާއެކު މެންޗެސްޓާ މިވަނީ ތާވާލުގެ ހަތަރުވަނައާ ދެ ޕޮއިންޓް ގާތަށް ޖެހިލާފައެވެ. ސީޒަން ނިމޭ އިރު ތާވަލްގެ ގަދަ ހަތަރެއް ލިބޭ ޓީމުތަކަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅެވޭނެއެވެ.
މެންޗެސްޓާ ކޮޅަށް ފުރަތަމަ ލަނޑު ޖެހި ނަމަވެސް ބޯންމޮތްއަށް ރޭގެ މެޗުގައި މާ ގިނަ ފުރުސަތުތަކެއް އުފެއްދިފައެއް ނުވެއެވެ. ކުރިއަށް ވެސް އުނދަގޫ މެޗުތަކެއް ހުރި އިރު މިސީޒަންގައި ރެލިގޭޓްވާނެ ތިން ޓީމުގެ ތެރޭގައި ބޯންމޮތް ހިމެނޭނެ ކަމާ މެދު އުފެދިފައިވާ ސުވާލުތައް ދަނީ އިތުރުވަމުންނެވެ. ރޭގެ ލިބުނު ބައްޔާއެކު އެޓީމު އޮތީ 27 ޕޮއިންޓާއެކު ތާވާލުގެ ފުލުން ދެވަނައިގައެވެ.