މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 11 މިލިއަނަށް ވުރެ ގިނަ މީހުން އެ ބައްޔަކަށް ޕޮޒިޓިވްވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ރޯގާ ފެތުރެމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ ޗައިނާއާއިން ނޫންކަމަށް ބުނެ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު ކަން ހިނގި ގޮތް ކަމަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ދައްކަމުން އައި ވާހަކަތަކަށް އެ އިދާރާއިން ބަދަލު ގެނެސްފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ ޗައިނާގައި ހުންނަ އެއިދާރާގެ ޔުނިޓުން ކަމަށާ، އެއްވެސް ހާލެއްގައި ޗައިނާގެ ކަމާބެހޭ ފަރާތަކުން ނޫންކަމަށް ޑަބްލިއުއެޗްއޯއިން މިހާރު ދަނީ ބުނަމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީކޮޅު ބަލި ދެނެގަނެ އެކަމުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް މުޅި ދުނިޔެ ފެއިލްވީ ޑަބްލިއުއެޗްއޯ ފެއިލްވެފައި އޮތުމުން އެކަށީގެންވާ މައުލޫމާތު ފޯރުކޮށް ނުދެވިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އޭރު ޑަބްލިއުއެޗްއޯއިން ދިޔައީ ޓްރަމްޕްގެ ވާހަކަފުޅުތަކަށް އިންކާރު ކުރަމުންނެވެ. މިމައްސަލާގައި އުފެދުނު ދެބަސްވުންތަކާއެކު އެމެރިކާއިންވަނީ ޑަބްލިއުއެޗްއޯގެ މެމްބަރުކަންވެސް ދޫކޮށްލާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވާހަކަތައް ނިއުޅެމުން އައި ގޮތް ބަޔާންކޮށް ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ ތަފްސީލީ މައުލޫމާތުތަކެއް އާންމު ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދުވަހު އާންމު ކުރި މައުލޫމާތަށް ބަލާއިރު ނިއުމޯނިއާގެ އާ ރޯގާއެއް ޗައިނާގެ ވޫހާން ސިޓީގައި ފެތުރެމުންދާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނެސްފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހު ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް އެކަން ގެނައީ ކޮން ބައެއްކަން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.
އޭޕްރިލް 20 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ ކޮވިޑް-19ގެ އިންޒާރު ޗައިނާއިން އައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އިންޒާރު އައީ ޗައިނާގެ ރަސްމީ ފަރާތަކުން ކަމެއް ނުވަތަ ޗައިނާގައި ހަރަކާތްތެރިވި އެހެން މަސްދަރަކުން ކަމެއް ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ.
ނަމަވެސް ނިމިދިޔަ ހަފުތާގައި ޑަބްލިއުއެޗްއޯއިން އާންމުކުރި ޓައިމްލައިންގައި ތަފްސީލީ މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. މި މައުލޫމާތު ބުނާ ގޮތުގައި، ވޫހާންގައި ނިއުމޯނިއާ ރޯގާއެއް ފެތުރެމުންދާކަން ސަމާލުކަމަށް ގެނެސްދިނީ ޗައިނާގައި ހިންގާ ޑަބްލިއުއެޗްއޯގެ ޔުނިޓުންކަން ވަނީ ބަޔާންކޮށްފައެވެ. އެއީ ޑިސެމްބަރު 31 ވަނަ ދުވަހު ކަމަށާ، މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ޖެހިގެން އައި 2 ދެދުވަސް މަތިން ކުރި މަސައްކަތުން، ޗައިނާގެ ކަމާ ބެހޭ ފަރާތަކުން މައުލޫމާތެއް ލިބޭ ވަރުވީ ޖެނުއަރީ 3 ވަނަ ދުވަހު ކަމަށް ޑަބްލިއުއެޗްއޯއިން މިހާރު ދަނީ ބުނަމުންނެވެ.
ޑަބްލިއުއެޗްއޯގެ އެމާޖެންސީސް ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، ގައުމެއްގައި ކަމެއް ހިނގާ ދިއުމާއެކު އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށްދިނުމަށް ކޮންމެ ގައުމަކަށްވެސް 24-48 ގަޑިއިރުގެ މުހުލަތެއް އޮންނަ ކަމަށެވެ. އަދި ޗައިނާގައި ފެތުރެމުންދާ ރޯގާއާއި ބެހޭ ގޮތުން ޑަބްލިއުއެޗްއޯއިން ކުރި ސުވާލުތަކަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޖަވާބުދާރީ ވި ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.
ޑަބްލިއުއެޗްއޯއަކީ ޗައިނާއަށް ބުރަވެފައިވާ ޖަމިއްޔާއެއް ކަމަށާ، އެއީ ޗައިނާގެ ޕަޕެޓެއް ކަމަށް އެމެރިކާގެ ރައީސް ތުހުމަތު ކުރައްވާއިރު، ޑަބްލިއުއެޗްއޯއިން ދަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ. ޑަބްލިއުއެޗްއޯއިން މިހާރު ދަނީ، ކޮވިޑް-19 ޖައްސާ ވައިރަހާ ބެހޭ ފުރިހަމަ ދިރާސާއެއް ކުރުމަށް ޗައިނާއަށް ހާއްސަ ޓީމެއް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. ކުރިއަށް އޮތް ހަފުތާ ތެރޭގައި މި ޓީމު ޗައިނާއަށް ދާނެ ކަމަށް ބެލެވެއެވެ. ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިނެއް އަދި ހޯދިފައި ނުވާއިރު، ބައްޔަށް ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ. މިކަންކަން ވާން އަންނަނީ ވައިރަހުގެ ހަގީގަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެނެގަނެވިގެންނެވެ.