ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އޭނާ ޕޮޒިޓިވްވެފައިވާކަން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ކަށަވަރު ކޮށްދެއްވައިފިއެވެ.

ގުރައިޝީ ވިދާޅުވީ ކުޑަކޮށް ހުންފާޑުވެ، ބައްޔަށް ޕޮޒިޓިވްވުމާއެކު ގޭގައި ކަރަންޓީނުވެވަޑައިގެން ހުންނެވި ކަމަށެވެ. އަދި ގޭގައި ހުންނަވައިގެން ރަސްމީ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށްވެސް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަން ކުރިން ކުރައްވާފައިވާ 2 ބޭފުޅަކުވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ޝާހިދު ހައްގާން އައްބާސީއާއި، ޔޫސުފް ރަޒާ ގިލާނިއާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ ސިޔާސީ މައިދާނުގެ ގިނަ ޝަހްސުތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ޝިފާ ލިބި، ބަލިން ރަނގަޅުވެފައެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން 221896 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް 4000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި ޕާކިސްތާނުން 4551 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.