ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި އިއުލާން ކުރި ލޮކްޑައުންގެ އަމުރަށް ލުއި ދީ، އާ-އާންމު ހާލަތުގެ އިސްތިރާޖުގެ ދަށުން ފަރަންސޭސިވިލާތް އަލުން ހުޅުވާލުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޖޮން ގެސްތެކްސްއަކީ އެ ގައުމުގެ އާ ބޮޑުވަޒީރު ކަމުގައި، ރައީސް އިމެނުއަލް މެކަޣޯން ހަމަޖައްސަވައިފިއެވެ.

ސިޔާސީ މައިދާނަށް މާ ގަދަ ނޫން އަޑެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރަމުން އަންނަ ގެސްތެކްސްއަށް ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުކަން ދީފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އީދުއާ ފިލީޕޭ، މިއަދު ހެނދުނުގެ ވަގުތެއްގައި ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ލޮކްޑައުންއަށް ގައުމު ހުޅުވާ، އިގުތިސޯދު އަލުން ހިންގައި ގަތުމުގެ މަސައްކަތަށް ސަމާލުކަން އިތުރު ކުރުމުގެ ގޮތުން އެ ގައުމުގެ ސަރުކާރަށް މެކަޣޯން ބަދަލުތަކެއް ގެންނަވާ ދަނޑިވަޅެކެވެ. އެގޮތުން ފަރަންސޭސިވިލާތުގެ ސަރުކާރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި، އުމުރުން 55 އަހަރުގެ ގެސްތެކްސްއަކީ އާންމު އުސޫލުން ސަރުކާރުގެ ހިދުމަތުގައި ދެމި ހުންނެވި ފަރުދެކެވެ. އޭނާ ވަނީ ފަރަންސޭސިވިލާތް ދުށް، ގިނަ ސަރުކާރުތަކެއްގައި، ޕަބްލިކް ސާވަންޓެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައެވެ.

ފަރަނޭސޭސިވިލާތުގެ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް 21 މަހެއްހާ ދުވަސް ބާކީ އޮތްއިރު، މެކަޣޯންގެ ސިޔާސީ ޝަހްސް ވަރުގަދަ ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ސިޔާސީ މައިދާނުގައި މާ މަގުބޫލު ނޫން، އެހެން ނަމަވެސް، އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮންނަ ގެސްތެކްސްއަށް ބޮޑުވަޒީރު ކަން ދެއްވީ މި ސަބަބާ ހެދި ކަމަށް ސިޔާސީ މުރާސިލުން ސިފަކުރެއެވެ.