ރާއްޖޭގެ އެކްޓަރު މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާއާއެކު ކުރިއަށް ރާވާފައިވާ ޕްެރޮޖެކްޓްތަކުން ވަކި ކުރަން ޑާކްރެއިން އެންޓަޓެއިންމެންޓުން ނިންމައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓް އިން ނެރެފައިވާ ބަޔާނެއްގައިނ ބުނެފައިވަނީ ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޖުމައްޔިލް އާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތައް އެކުންފުންޏަށް އެނގިފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ

ޑާކްރެއިން އިން އިތުރަށް ބުނެފައިވަނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކަށް ހިތްވަރުދޭޭ އެއްވެސް ވިސްނުމެއްވެސް ގަބޫލު ނުކުރާނެ ކަމަށާއި އެފަދަ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އެންމެހާ ފަރާތްތަކާއެކު އެކުންފުނިން އަބަދުވެސް ވާނެކަމުގެ ޔަގީންކަން ވަނީ ޑާކްރެއިން އިން ދީފައެވެ.

ޖުމައްޔިލް އާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ކެންސަލުކޮށްލަން ނިންމިއިރު އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމެއް ކަމަށްވާ "ނޮވެމްބަރު" މި މަހުގައި ދެއްކުމަށް ކުރީން ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމު ލަސްކޮށްފައިވާއިރު އެ ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް އޮތީ ނިމިފައެވެ.

ނޮވެމްބަރުގެ އިތުރުން "ބަޅިނދު" ކިޔާ ޕްރޮޖެކްޓަކުންވެސް ވަނީ ޖުމައްޔިލް އަށް ވަނީ ޖާގަ ލިބިފައެވެ. އެ ފިލްމުގެ މަސައްކަތްތައް އަދި ނިމިފައެއް ނުވާއިރު، ޑާކްރެއިން އިން ބުނީ ޖުމައްޔިލް އެ ޕްރޮޖެކްޓުން ވަކި ކުރާނެ ކަމަށެވެ.