ބ. ތުޅާދޫ ފަޅު ތެރޭގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކުރި މައްސަލައިގެ އިތުބާރު ހިފޭ ފުރިހަމަ ތަހުގީގެއް ކުރުމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގޮވާލައްވައިފިއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުފިނޮޅުގެ ހާދިސާއާއި އެ މައްސަލައާ ގުޅޭ ވަށައިގެންވާ އެންމެހައި ކަމެއް [އުޖޫރައިގެ މައްސަލަ ހިމެނޭގޮތުން] އިތުބާރުހިފޭ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

އެރަށުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ރޭ ފުލުހުންގެ ޓީމެއް ދިޔަ ނަމަވެސް އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީން ވަނީ ފުލުހުންގެ ގަޔަށް ގަލާއި، ދަނގަނޑު ބިޑިއާއި ހޮޅިބުރިފަދަ ތަކެތި އުކާފައެވެ. އެކަމުގެ ތެރޭގައި ފުލުހެއްގެ ބޯވެސް ފަޅައިގެން ދިޔައެވެ. އެހެންކަމުން މާލެއިން ފުރައިގެން ސަލާމަތީ ބާރުތަކުގެ ޓީމެއް [ސިފައިންނާއި ފުލުހުން ހިމެނޭހެން] ބޮޑުފިނޮޅަށް ދިޔައެވެ. އަދި މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުން ބޮޑުފިނޮޅަށް އަރާ ރަހީނު ކޮށްފައިވާ މީހުންތައް ސަލާމަތް ކުރިއެވެ.

އެރަށަށް ދިޔަ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންނާއި އިހުތިޖާޖު ކުރަމުން ދިޔަ ބިދޭސީންނާ އެއްވެސް ހަމަނުޖެހުމެއް އަދި ކުރިމަތިލުމެއްވެސް ނުހިނގައެވެ. ބިދޭސީން ވަނީ ފުލުހުންނަށް އެއްބާރުލުން ދީ އަމާން ދީފައެވެ.

މި މައްސަލާގައި ބިދޭސީން އިހުތިޖާޖު ކުރީ އެމީހުންނަށް އެތައް މަހެއް ވަންދެން މުސާރަ ދީފައި ނުވާ މައްސަލާގައެވެ. ކޮވިޑާ ގުޅިގެން ހަތަރު މަސް ދުވަހުގެ މުސާރަ ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވި އިރު، ރޭ އެރަށުގައި ރަހީނުވި ދިވެއްސަކު ބުނީ މުސާރަ ނުދެތާ 6 މަސް ވެއްޖެ ކަމަށާއި، ނިމިދިޔަ ރޯދަ މަހު ދިވެހި މުވައްޒަފުންނަށް 5000 ރުފިޔާ ދިން ކަމަށެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަކީ 7000 ރުފިޔާއެވެ.

އަލީ ރިޒާ ވިދާޅުވީ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށާއި މުސާރަ ނުދެވިފައި ވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާ ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެން ކަމަށްވެސް އޭނާވެސް ވިދާޅުވިއެވެ.