ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުމެއް ހިނގާފާނެކަން ދެ ފަހަރެއްގެ މަތިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އެކަމަށް ހައްލެއް ހޯދުމާ ގުޅޭގޮތުން އެ މަސައްކަތުގެ ކޮންޓްރެކްޓާ ރިޒް ޕްރައިވެޓް ލިމިޓެޑުން ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވާ ކަމަށް ކުންފުނީގެ ގާނޫނީ ޓީމުން ބުނެފިއެވެ.
ކުންފުނީގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 7000 ރުފިޔާއާއި، ކެއުމުގެ ހަރަދުގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތުގެ އުޖޫރަ ނުދޭތީ ފާއިތުވި ދުވަސްތަކުގައި މުވައްޒަފުން ހިތްހަމަނުޖެހުން ފާޅު ކޮށްފައި ވާއިރު، މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ވަނީ އެ ރަށުގައި ހިމޭން އިހުތިޖާޖެެއްވެސް ކޮށްފައެވެ. އެގޮތުން އެ އިހުތިޖާޖުގައި މުވައްޒަފުންގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ މުސާރަ ދިނުމާއި، މުވައްޒަފުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވާއިރު، މި ހަރަދުތައް ދޭނެކަމަށް ޑިވޮލޮޕާ (ސީލް މޯލްޑިވްސް) އިން އެއްބަސްވެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އެފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި މެ މަހުގެ 28 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.
އެ މައްސަލައިގައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެފައި ވަނީ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށާއި މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. ނަމަވެސް އެމީހުންނަށްވެސް ފައިސާ ނުދެވި ވަނީ ދިމާވެފައިވާ ކޮވިޑްގެ ހާލަތާ ގުޅިގެން ދަތިތަކެއް ކުރިމަތި ވެގެން ކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އަދި ހަމަ ނުޖެހުން ހިންގަނީ މުސާރަ ނުދީގެން ކަމަށްވެސް އޭނާވެސް ވަނީ ވިދާޅުވެފައެވެ.
ބޮޑުފިނޮޅަކީ ހަދަމުންދާ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތް ކުރަން ތިބީ 203 ބިދޭސީންނާއި 15 ދިވެހިންނެވެ. އެ 15 ދިވެހިންގެ ތެރެއިން 3 ދިވެއްސަކު ފުލުހުން ރޭ ސަލާމަތް ކޮށްފައި ވާއިރު މިއަދު ވަނީ ބާކީތިބި 12 ދިވެހިން ސަލާމަތް ކޮށްފައެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަލަ ދެންވެސް މުސާރައެއްނޫންތަ ދޭންވީ؟ ފުލުހުންނަށް އަންގައިގެން އެމީހުން ހިފާ ހައްޔަރުކުރިއަސް މައްސަލަ ހައްލުވޭތަ؟ މައްސަލަ ހައްލުކުރުމުގެ ބަދަލުގަ ފުލުހުންގެ ބޮލަށް ކަނޑާލެވޭތޯ އަދިވެސް ތިބެލީ. އަސްލު ބުނަންޏާ މައްސަލަ ގޯސްވި ހިސާބަކީ ތިޔައީ.