ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކަކަށް އަމާޒުކޮށް އެ މެންބަރުންގެ ގެކޮޅުތަކަށް ރެއިޑް ކުރަން ފުލުހުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އާ ބިލެއްގެ މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވާ ދަނޑިވަޅުގައި ބައެއް މެންބަރުންނަށް އަމާޒުކޮށް ބައެއް ކަންކަން ކުރަން ފުލުހުންތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެކަހަލަ ވާހަކަ ނުދެއްކުމަށްވެސް އެދޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ ގެކޮޅަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެކޮޅަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހުގެ ގާތުން އެދޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް
ރައީސް ނަޝީދު

ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ބައެއް މެންބަރުން ވަނީ އެ ބިލަށް ބަހުސް ކުރައްވަމުން ފުލުހުންނަށް ބޮޑެތި ބާރުތައް ދިނުމާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކަވާފައެވެ. އަދި ފުލުހުންގެ ވަޒީފާ އަށް ވައްދަނީ ނުކިޔަވާ ތިބޭ މީހުން ކަމަށާއި ފުލުހުންގެ ކިބައިގައި އެއްވެސް އަހުލާގެއް ނެތް ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުންގެ ޔުނީފޯމު ބަދަލުކޮށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ވެސް ވަރަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެންދާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަވާފައި ވާތީ ސޯޝަލް މީޑިއާގައި ފުލުހުންގެ ދިފާއުގައި ފުލުހުންގެ އާއިލާތަކާއި ފުލުހުންގެ ހިދުމަތް ބަލައިގަންނަ އެތައް ބަޔަކު ވަނީ ނިކުމެފައެވެ.