ޕާކިސްތާނުގެ ވިޔަފާރި މަރުކަޒީ ރަށް، ކަރާޗީ ގައި ހުންނަ އެގައުމުގެ އެންމެ ވަރުގަދަ ހިއްސާގެ ބާޒާރުގެ އިމާރާތަށް އަމާޒުކޮށް ހޯމަ ދުވަހު ދިން ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ހަތިޔާރު އަޅައިގެން ތިބި 4 މީހަކު، ހިއްސާގެ ބާޒާރުގެ އިމާރާތަށް ވަދެގެން ދިން މި ހަމަލާގައި 2 ގާޑެއްގެ އިތުރުން ފުލުހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ސަލާމަތީ ބާރުތަކުން ވަނީ، ހަމަލާ ދިން 4 މީހުންވެސް މަރާލާފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން އިމްރާން ވިދާޅުވީ، ޝައްކެއް ނެތް ގޮތުގައި މި ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ އިމްރާން މިހެން ވިދާޅުވުމުގެ ކުރިންވެސް، މި ތުހުމަތަށް އިންކާރު ކޮށްފައެވެ.

ީ ޕާކިސްތާނުގައި އޮޕަރޭޓް ކުރާ އެންމެ ބޮޑު ހިއްސާގެ ބާޒާރަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދިން ސަރަހައްދު/ފޮޓޯ: ދަ ނޭޝަނަލް

ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ވަކަމަށް އިމްރާން ވިދާޅުވިއިރު، މި ކަމަށް އިތުރު އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ހަމަލާއެއްގެ އިންޒާރު ދެނިވި ޖާސޫސީ ރިޕޯޓްތަކެއް އެބަހުރި ކަމަށާ، އޭނާގެ ވަޒީރުންނަށްވެސް އެކަން ދަންނަވާފައި ވާނެ ކަމަށް އިމްރާޏް ވަނީ ވިދާޅުވެފައެވެ.

އިމްރާން ހާން ވިދާޅުވީ ހިއްސާގެ ބާޒާރަށް ހަމަލާ ދިން މީހުން ތިބީ ވަރަށް ގަދައަށް ހަތިޔާރު އަޅައިގެން ކަމަށާ، އެމީހުންގެ އަމާޒަކަށްވީ ބަޔަކު ރަހީނުކޮށް، 2008 ވަނަ އަހަރުގެ "މުމްބާއީ ހަމަލާ" ނަކަލު ކުރުން ކަމަށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ ހުށިޔާރު އިޖާބައިގެ ސަބަބުން ކަމަށް ވިދާޅުވެ، އިމްރާން ވަނީ މިއީ ޕާކިސްތާނަށް ލިބުނު ބޮޑު ނަސްރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަމަލާ ދިން ތާ މާ ގިނައިރެއް ނުވެ، ޕާކިސްތާނުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ބަލޫޗިސްތާނު ޕްރޮވިންސްގެ ހަނގުރާމަވެރި ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޓްވިޓާގައި އާންމުކުރި ޕޯސްޓެއްގައެވެ.

ބަލޫޗްގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ފަހަތުގައި އޮންނަނީ އިންޑިއާ ކަމަށް ޕާކިސްތާނުން ދަނީ ތަކުރާރުކޮށް، ތުހުމަތު ކުރަމުންނެވެ.