ކުއްލި ނުރައްކަލުގެ ހާލަތުގައި ހުރިހާ އެންމެނަށްވެސް އިންސާފުވެރި އުސޫލަކުން، އިންސާފުވެރި އަގެއްގައި ބޭސް ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިހާރަށްވުރެ ވަރުގަދަ ފްރޭމްވާކެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށް އިނގިރޭސިވިލާތުގެ އިސް ސައެންޓިސްޓަކު ގޮވާލައްވައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޕީޓާ ހޯބީ މިކަމަށް ގޮވާލައްވާފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް މިވަގުތު އޮތް އެންމެ ފުރިހަމަ އެއް ފަރުވާގެ ގޮތުގައި ސިފަކުރަމުން އަންނަ ރެމްޑެސިވިއާ ޑްރަގްގެ ކުރިއަށް އޮތް ޝިޕްމަންޓް، އެއްކޮންހެން އެމެރިކާއިން ގަތުމާ ގުޅިގެންނެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: ސީއެންއެން

ޕްރޮފެސާ ހޯބީ ވިދާޅުވީ އެމެރިކާގެ މި އަމަލަކީ ދުރާލާ ލަފާކުރެވިފައި އޮތް އަމަލެއް ކަމަށާ، އެހެނީ ބައިނަލްއަގުވާމީ ބާޒާރަށް ރެމްޑެސިވިއާ ސަޕްލައި ކުރަމުންދާ ޖިލިއަޑް އަކީ އެމެރިކާގެ ކުންފުންޏަކަށް ވުން ކަމަށާ، މީގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމަށް އެމެރިކާ ސަރުކާރުން އިޖާބަދެމުންދާ ގޮތަށް އެ ގައުމުގެ ދާހިލީ މަސްރަހުގައި ފާޑުކިއުންތައް އަމާޒުވެ، ޕްރެޝަރު ބޮޑުވަމުން ދިއުން ކަމަށެވެ.

ނަމަވެސް މިއީ މުހިންމު 2 ސުވާލެއް އުފައްދަނިވި އަމަލެއް ކަމަށް ޕްރޮފެސާ ހޯބީ ވިދާޅުވިއެވެ. ފުރަތަމަ ސުވާލަކީ ޑްރަގެއް ވިއްކަން އެންމެ އިންސާފުވެރި އަގަކީ ކޮބާތޯ ކުރެވޭ ސުވާލެވެ. މިއީ އާންމު ސުވާލެއް ނަމަވެސް، ދުނިޔެއަށް އާންމުވެފައިވާ ބަލިމަޑުކަމެއްގައި މިއީ އިންތިހާއަށް މުހިންމު ސުވާލެއް ކަމަށް ޕްރޮފެސާ ހޯބީ ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ފުޅާދާއިރާއެއްގައި ދިރާސާތައް ކުރަމަށް ރެމްޑެސިވިއާ ޑްރަގްް ދިނުމަށް ޕޭޝްންޓުން ސްޕޮންސާ ކުރާ ޖީލީޑް ސައެންސަސް ކުންފުނީގެ އިމާރާތެއް/ފޮޓޯ: ރޮއިޓާޒް

ޕްރޮފެސާ ހޯބީ ދެވަނައަށް އުފެއްދެވި ސުވާލަކީ، ވެކްސިންއެއް ފެނިއްޖެ ނަމަ ދެން ކަންތައް ވެގެންދާނެ ގޮތަކާ މެދު ކުރެއްވި ސުވާލެވެ. ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތައް މިހާރު އަމަލު ކުރަމުންދާ އުސޫލުން އަމަލު ކުރާނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް އަދަށްވުރެ ހަރުދަނާ ފްރޭމްވާކެއް ބޭނުންވާކަން ޕްރޮފެސާ ހޯބީ ވަނީ ފާހަގަ ކުރައްވާފައެވެ.

ރެމްޑެސިވިއާ އަކީ ކޮވިޑް-19ގެ ކާމިޔާބު ފަރުވާއެއްކަން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ތަހުލީލުތަކުގައި ގިނަ ގައުމުތަކެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.