ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ފުރަތަމަ ފަހަރަށް މިއަދު ގަރާރެއް ފާސްކުރާނެ ކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.
ލިބިފައިވާ ގަރާރުގެ ކޮޕީއަކާ ހަވާލާދީ ސީއެންއެންއިން ބުނީ، ވާޗުއަލް ޕްލެޓްފޯމްގައި ކުރިއަށް ގެންދާ ވޯޓުގައި ފާސްކުރާ ގަރާރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް، ހަނގުރާމަތަކާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލާ ގަރާރެއް ކަމަށެވެ.
ދުނިޔޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ، ބައިނަލްއަގުވާމީ ފެންވަރުގައި މަތިކޮށްފައިވާ އެންމެ އިސް އިދާރާގެ ގޮތުގައި އޮތް އދގެ ސަލާމަތީ މަޖިލީހުން މި ގަރާރު މި ފާސްކުރަނީ، ކޮވިޑް-19 އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރިފައިވާ ބަލިމަޑުކަމެއް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މާޗް 11 ވަނަ ދުވަހު ދީ، 4 ވަރަކަށް މަސް ދުވަސް ފާއިތުވީ ފަހުންނެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު ހަނގުރާމަތައް ހުއްޓުމަކަށް އައިސްފައި ނުވާ ދަނޑިވަޅެއްކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ސަލާމަތީ މަޖިލީހަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.
ކޮވިޑް-19އާ ގުޅިގެން ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ނުކުރެވި އޮތީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާއާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ކޯޅުންގަނޑުގެ ސަބަބުންނެވެ. އެމެރިކާއިން ދިޔައީ ސަލާމަތީ ގަރާރުގައި ޑަބްލިއުއެޗްއޯގެ ނަން ނުހިމެނުމަށެވެ. ޗައިނާއިން ރުޅި އިސްކުރަމުން ދިޔައީ، ކޮވިޑް-19ގެ ފެށުމަކީ ޗައިނާކަމަށް ބުނެ އެކަމުގެ އިލްޒާމު، އެމެރިކާއިން ޗައިނާގެ ބޮލުގައި އަޅުވަމުންދާތީއެވެ.
ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސީއެންއެންއިން ރިޕޯޓްކުރާ ގޮތުގައި، ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރާ ގަރާރުގައި ޑަބްލިއުއެޗްއޯގެ ވާހަކައެއް ނެތެވެ.
ގަރާރުގައި ވާ އިތުރު ކަންކަމަށް ބަލާއިރު، ހުރިހާ ޒާތެއްގެ ހަމަނުޖެހުންތަކާ، ހަމަލާ ބަދަލު ކުރުންތަކާ ހަނގުރާމަތައް މިހާރުން މިހާރަށް ހުއްޓާލަންޖެހެއެވެ. އަދި 90 ދުވަހަށް މިކަން ދިގުދެމިގެން ހިނގައްޖެނަމަ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑު އެހީއަކަށް ވާނެކަމަށް ގަރާރުގައި ބަޔާންކޮށްފައި ވާކަމަށްވެސް ސީއެންއެންގެ ރިޕޯޓްގައިވެއެވެ.
ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ، ޓެރަރިޒަމާ ދެކޮޅަށް އިރާގުގައި ކުރިއަށްދާ އޮޕަރޭޝަންގެ ވާހަކަ ހިމަނާފައި ނުވާކަމަށް ސީއެންއެންއިން ބުނެއެވެ.
މި ވޯޓަށް އަހާނީ މިރޭގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.