އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އެކި ކަހަލަ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް މިހާރުން މިހާރަށް ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހިފައި ވާ ކަމަށް، އާބާދީއާއި ބެހޭ އދގެ އިދާރާ ޔޫއެންއެފްޕީއޭއިން ގޮވާލައިފިއެވެ.
ޔޫއެންއެފްޕީއޭއިން މިކަމަށް ގޮވާލާފައިވަނީ ދުނިޔޭގެ އާބާދީގެ ހާލަތު ބަޔާންކޮށް ކޮންމެ އަހަރަކުވެސް އެ އިދާރާއިން ޝާއިއު ކުރަމުން އަންނަ ރިޕޯޓްގެ 2020 ވަނަ އަހަރުގެ އަދަދުގައެވެ.
ދާއިމީ ގޮތެއްގައި ނަފްސާނީ އަދި ޖިސްމާނީ އަނިޔާއަށް ކޮންމެ އަހަރަކުވެސް އެތައް މިލިއަން އަންހެން ކުދިންނެއް ހުށަހެޅެމުން ދާ ކަމަށާ، މިކަން ހިނގަނީ އާއިލާއާއި ރަހުމަތްތެރިންނާއި މުޖުތަމައުއަށްވެސް އެނގިތިބޭ ހާލުގައި ކަމަށް ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑައިރެކްޓާ ޑރ ނަތާލިއާ ކާނެމް ވިދާޅުވީ، އަންހެން ކުދިންނަށް ދެވޭ ލާއިންސާނީ އަނިޔާގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް، ނުވަތަ މުޅި އުމުރަށްވެސް ދެމިގެންދާ ކަމަށާ، މިކަމުގެ ސަބަބުން ފުރިހަމަ އަންހެނަކަށް ވުމުގެ ހައްގުން އެ ކުދިން ނިގުޅައިގަނެވޭ ކަމަށެވެ.
"އަމިއްލަ އިހުތިޔާރަކާ ނުލާ" މި ޝިއާރުގެ ދަށުން އެކުލަވާލާފައިވާ ދުނިޔޭގެ އާބާދީގެ ހާލަތު ބަޔާން ކުރާ ރިޕޯޓްގެ 2020 ވަނަ އަހަރުގެ އަދަދުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ އަންހެނުންނާ އަންހެން ކުދިންނަށް ދެވޭ ލާއިންސާނީ އަނިޔާއާއި ހަމަހަމަކަމުން އެއްކިބާވެތިބެ އަންހެން ކުދިންނާ އަންހެނުންނަށް ކުރާ އަނިޔާގެ މައްޗަށެވެ. މިފަދަ 19 ކަމެއްގެ މައްޗަށް މި ރިޕޯޓްގައި އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި، އުރަމަތީގެ ޖިސްމާނީ ހެދިބޮޑުވުމަށް ހުރަސް އެޅޭ ގޮތަށް ބައެއް ސަރަހައްދުގައި ހިންގަމުންދާ އަމަލުގެ ވާހަކައާއި، އަންހެން ކުއްޖާއަކީ ބިކުރުވެރިއެއްތޯ ކަށަވަރު ކުރުމަށް ހަދާ ޓެސްޓުތަކުގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. އދއިން ކަނޑައަޅާފައިވާ ގޮތުގައި މި ކަންކަމަކީ އިންސާނީ ހައްގު ނިގުޅައިގަތުމުގެ އަމަލުތަކެކެވެ.
ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި، އަންހެނުންނާ އަންހެން ކުދިންނަށް މައިގަނޑު 3 އަނިޔާއެއް ދޭކަން ވަނީ ފާހަގަކޮށްފައެވެ. އެއީ އަންހެން ކުދިން ހިތާނު ކުރުމާ، ޅަ އުމުރުގައި ކައިވެނި ކުރުވުމާ، އަންހެން ދަރިންގެ ބަދަލުގައި ފިރިހެން ދަރިން ބޭނުންވާ ބޭނުންވުމަށް ބައެއް އާބާދީތަކުގައި އޮންނަ ގަބޫލުކުރުންތަކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު އެކަނިވެސް 4.1 މިލިއަން އަންހެން ކުދިން ހިތާނު ކުރުމަށް ހުށަހެޅިގެންދާނެ ކަމަށް އދއިން ލަފާޚުރެއެވެ. އަދާ ހިސާބަށް އާދެވުނުއިރު 19 އަހަރުގެ 33000 ކުއްޖަކު ކައިވެނި ކުރަން ހުށަހެޅޭނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، މީގެ ތެރެއިން ގިނަ ކުދިން ކައިވެނި ކުރަންޖެހެނީ އެކުދިންނަށް ވުރެ އެތައް ތަނެއް ދޮށީ މީހުންނާ ކަމަށްވެސް އދއިން ބުނެއެވެ.
މީގެ އިތުރުން އަންހެން ދަރިންނަށް ވުރެ ފިރިހެން ދަރިން ބޭނުންވާ އާއިލާތައް އިތުރުވަމުން އަންނަ ކަމަށާ، މިކަމުގެ ނަތީޖާއެއްގެ ގޮތުން އަންހެން ކުދިންނަށް އަޅާ ނުލެވޭ ތަން އައިސްފައިވާކަމަށް ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ނަތީޖާއަކަށް ވަނީ އަންހެން ކުދިން ޅަފަތުގައި މަރުވުން ކަމަށް އދއިން ބުނެއެވެ. އަހަރެއްގެ މައްޗަށް 140 މިލިއަނެއްހާ އަންހެން ކުދިންނަށް މި ނުރައްކާ ކުރިމަތިވެއެވެ.
ޖެނީވާގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ޔޫއެންއެފްޕީއޭގެ ޖެނީވާ ޑައިރެކްޓާ މޮނީކާ ފޭރޯ ވިދާޅުވީ، އަންހެނުންނާ އަންހެން ކުދިންނާ މެދު ލާއިންސާނީ އަނިޔާތަކެއް ދެވެމުންދަނީ ފިރިހެން ޖިންސުގެ ކުދިންނާ މީހުންނަށް ވުރެ އަންހެން ކުދިންނާ އަންހެނުން ނިކަމެތި ކަމަށް ބައެއް މުޖުތަމައުތަކުން ގަބޫލުކުރާތީ ކަމަށެވެ. ނަތީޖާއަކަށްވަނީ ޖިންސާނީ، އިގުތިސޯދީ އަދި އެނޫންވެސް ގޮތް ގޮތުން ފިރިހެނުންގެ މުށުތެރޭގައިވާ ބަޔަކަށް އަންހެނުންނާ އަންހެން ކުދިން ވެގެން ދިއުން ކަމަށާ، މިއީވެސް ނިގުޅައިގަނެވޭ އިންސާނީ ހައްގުތަކެއް ކަމަށް ފޭރޯ ވިދާޅުވިއެވެ.
ޔޫއެންއެފްޕީއޭގެ ރިޕޯޓް ބުނާ ގޮތުގައި މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އަންހެނުންނާ އަންހެން ކުދިން ހުށަހެޅުންދާ ނުރައްކާތަކުގެ އަދަދު، ކުރިއަށް އޮތް އަހަރުތަކުގައި އެތައް ތަނެއް އިތުރުވެގެންދާނެއެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށް އެކުލަވާލާފައިވާ މުއާހަދާތައް ބަލައިގެންފައިވާ ގައުމުތަކުންވެސް އެކަން ތަންފީޒު ކުރަންޖެހޭ ކަމަށް އދއިން ވަނީ ގޮވާލާފައެވެ. ގިނަ ގައުމުތަކަކުން މިކަމަށް ރިއާޔަތްކޮށް ގާނޫނުތައް އެކުލަވާލި ނަމަވެސް އެހާ ހިސާބުން ފަރުޖައްސާލެވެން ނެތްކަންވެސް އދއިން ފާހަގަކުރެއެވެ.
މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ތަފާތު މަރުހަލާއެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅަކަށްވާއިރު، މިހާތަނަށް ދުނިޔެއިން ނައްތާލެވިފައިވާ ނޭދެވޭ ބައެއް އާދަތައްވެސް އަލުން އާލާވުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ.
ހިދުމަތްތަކާ ގިނަ މަޝްރޫއުތަކެއް 6 މަހެއްހާ ދުވަހަށް ހުއްޓާލާފައި ބާއްވަން ވެއްޖެނަމަ، އިތުރު 13 މިލިއަނެއްހާ އަންހެން ކުދިން ކައިވެންޏަށް ހުށަހެޅިގެން ދާނެ ކަމަށާ، 2 މިލިއަނެއްހާ ކުދިން ހިތާނުކުރުމުގެ ވޭން އުފުލަންޖެހޭނެކަމަށްވެސް އދއިން ވަނީ ލަފާކޮށްފައެވެ.