ގާނޫނު ހަދާ މަޖިލީހަކީ އިންސާނީ ހައްގުތައް ކުރިއަރުވާ، ދެމެހެއްޓެނިވި ތަރައްގީ ނެގެހެއްޓުމުގެ ހާއްސަ ޒިންމާއެއް މަތިކޮށްފައިވާ ދައުލަތުގެ ބާރަކަށް ވާ ހިނދު، އަދު ދުނިޔެ ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުގެ ކާރިސާއަކީ، ގާނޫނު ހަދާ މަޖިލިސްތަކަށް އޮތް މި ބޮޑު ޒިންމާގެ ހަނދާން އާ ކޮށްދެނިވި ކަމެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލިސްތަކުގެ ދުވަހުގެ ގޮތުގައި އދއިން ފާހަގަކުރާ ހާއްސަ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، މި ދަނޑިވަޅަކީ މުޖުތަމައުގައި ތިބި އެންމެ ނާޒުކު ގިންތީގެ މީހުން، ވަކިން ހާއްސަކޮށް އަންހެނުންގެ އާބާދީން ބޮޑު ތަކުލީފެއް އުފުލަމުން ދާ ދަނޑިވަޅެއް ކަމަށެވެ. ހަމަހަމަކަން ނެތުމާ، ޒަމާނުއްސުރެ އޮންނަ ބޯދާ ގަބޫލުކުރުންތަކާ، އިޖުތިމާއީ ބައިބައިވުންތަކުގެ ސަބަބުން، އިހު އޮތް ގޮންޖެހުންތައް އެތައް ގުނައަކަށް އިތުރުވެފައިވާކަން ގުޓެރޭޒް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ އިޖާބާގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރު ބޮޑު ކަމަށް އދއިން ފާހަގަކުރެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު / ފޮޓޯ: މަޖިލިސް

މިމޭރުމުން ގުޓެރޭޒް ވަނީ ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން އެކުލެވޭ މުޖުތަމައެއް ދެމެހެއްޓެނިވި ގޮތެއްގައި ބިނާ ކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގާނޫނު ހަދާ މަޖިލީސްތަކަށް ގޮވާލައްވާފައެވެ. ގާނޫނު ހަދާ މަޖިލިސްތަކުން މިކަން ކުރަން ވާނީ މަދަނީ ޖަމިއްޔާތަކާ، ގައުމީ އެކްޝަން ޕްލޭންތަކާ، ނަސްލީ ތަފާތުކުރުންތަކުންވެސް އެއްކިބާވެ ތިބެގެން ކަންވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ބަޔާން ކުރައްވާފައެވެ.

އެއްވެސް ގައުމަކީ ގިނިކަންޏާ އޮވެ ކުރިއަރާދެވޭނެ ގައުމެއް ނޫންކަން އަބަދުމެ ހަނދާން ކުރަންޖެހޭ ކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

ނުފޫޒު ގަދަ ގާނޫނު ހަދާ މަޖިލީހަކީ ޑިމޮކްރަސީގެ ބިންގާ ކަމުގައި އދއިން ފާހަގަކުރެއެވެ. ގާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއް ކަމަށާ، އެތަނަކީ ގާނޫނުތަކާ ސިޔާސަތުތައް ފާސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާ ޕްލެޓްފޯމު ކަމަށް ވާ ހިނދު، މި ސިޔާސަތަކީ ހުރިހާ އެންމެންގެ ލާބައާއި މަންފާ އެކުލެވޭ ސިޔާސަތަށް ވުން މުހިންމުކަންވެސް އދން ފާހަގަކުރެއެވެ.