ރޭގައި އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަންގެ ދަނޑުގައި އެޓީމުގެ ކޮޅަށް 3 ލަނޑު ޖަހައިގެން 3-0 އަކުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް މޭސަން ގްރީންވުޑެވެ. މިއީ މިސީޒަންގައި ގްރީންވުޑް ޓީމަށް ޖަހާދިން 13 ވަނަ ލަނޑެވެ.

ރޭގެ މެޗުން ވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިފައިވަނީ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ޕޯޗުގަލްގެ ލިޒްބަންއިން ޔުނައިޓެޑާ ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފަނާންޑޭސެވެ. މި މެޗުގައި ވެސް އޭނާ ވަނީ ދެލަނޑު ޖަހާފައެވެ. މިއީ ޖެނުއަރީގައި ޔުނައިޓެޑާ ގުޅުނު ފަހުން ފަނާންޑޭސް އެޓީމަށް ކާމިޔާބުކޮށްދިން ފަސް ވަނަ ލަނޑެވެ. ފަނާންޑޭސްގެ އިތުރުން ޔުނައިޓެޑަށް ކުޅޭ ފަރަންސޭސި ކުޅުންތެރިޔާ ޕޯލް ޕޮގްބާ އަދި ސާބިޔާގެ ޑިފެންޑަރު ނިމެންޖާ މެޓިޗްގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.

ރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑުން ވަނީ ތާވާލު ފަސްވަނަ އަށް އަރާފައި

މި މޮޅާއެކު ޔުނައިޑެޓު ވަނީ ޕްރިމިއާ ލީގު ތާވާލުގެ ފަސް ވަނައަށް އަރާފައެވެ. ސީޒަންގައި ބާކީ ހަ މެޗު އޮތް އިރު ޔުނައިޑެޓް އޮތީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއަށް ވުރެ އެންމެ ދެ ޕޮއިންޓް ފަހަތުގައެވެ. އެހެން ނަމަވެސް ޗެލްސީއަށް އިތުރު އެއް މެޗު ކުޅެން އެބައޮތެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި ބްރައިޓަންއިން ވެސް މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދިނަމަވެސް ޓީމުގައި ރަނގަޅު ފޯވަޑެއް ނެތް ކަން އަނެއްކާވެސް މިވަނީ ފާހަގަވެފައެވެ. މި މެޗުން ދަށްވި ނަމަވެސް ބްރައިޓަން އަދިވެސް އޮތީ ރެލިގޭޝަނާ ހަ ޕޮއިންޓް މަތީގައި 15 ވަނައިގައެވެ.