ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ޖަމާއަތް ހަދާއިރު ސިޓީ ކައުންސިލުން ކުރަން ޖެހޭ އިންތިޒާމްތަކާއި މިސްކިތްތަކަށް ދާ މީހުން ސަމާލުކަ ންދޭން ޖެހޭ ކަންކަމާއި އިމާމް ސަމާލްކަން ދޭން ޖެހޭ ކަންކަން ހާމަކޮށްދީފައި ވެއެވެ.

ސިޓީ ކައުންސިލުން ސަމާލުކަން ދޭން ވީ ކަންކަމުގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކޮންމެހެން ބޭނުންކުރަން ޖެހިއްހެ ހާލަތެއް ނޫނީ އެއާކޯން ބޭނުން ނުކުރުމާއި، އެއާކޯން ބޭނުން ކުރާނަމަ، ދޭތެރޭ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނެ ގޮތް ހެދުން ހިމެނެއެވެ.

މިސްކިތަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި ގެއިން ވުލޫ ކޮށްގެން ދިއުމާއި މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުއްސަލާގައި ނޫނީ ނަމާދު ނުކުރުމާއި މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން ހިމެނެއެވެ.

އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ލުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ. ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ.