އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު ރާވައިގެން ކުރާ މަސައްކަތުގެ ތެރެއިން ވާ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން ބުނީ، މިހާރަކަށް އައިސް މި ކުޑަ މުޖުތަމައުން ފެންނަމުން ދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީއަތުގެ މަގްސަދުތަކާއި އަދި ގާނޫނު އަސާސީގެ ރޫހާވެސް ހިލާފު ކަންކަން ކަމަށެވެ. އަދި އެކަންކަމަކީ އިއްޔެއަކު އަދި މިއަދަކު ފެށުނު ކަންކަން ނޫން ކަމަށާއި އެއީ އަހަރުތަކެއް ކުރީއްސުރެ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި މަގްސަދެއް ހާސިލް ކުރުމަށް ހިންގަމުން އަންނަ ޖަރީމާތަކެއް ކަމަށް އެ ޕާޓީން ބުނެއެވެ.

އެގޮތުން 2015 އަހަރު ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާއެކު އިޖުތިމާއީ ހާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަން ކުރުމަށް ފަހު ކަމަށް ބުނެ އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް އދގެ ބައިނަލްއަގްވާމީ މުއާހަދާ ސީޑޯ ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އާންމު ކުރި ރިޕޯޓާ މެދު އަދާލަތުން ކަންބޮޑުވުންތައް ފާޅުކުރިއެވެ.

އުތެމައިން ނެރުނު ރިޕޯޓުގައި ވަނީ އެމްޑީއެންއިން ނެރުނު ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީން ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަކޮށް ތައުހީނުކޮށްފައި ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި އެއްވެސް ފަރުދެއްގެ ކިބައިން ފެނިގެން ވާނެ ކަންކަން ކަމެއް ނޫން ކަމަށް އަދާލަތުން ބުނެއެވެ. އަދާލަތު ޕާޓީން ވަނީ މިފަދަ މުންކަރާތަކުން ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެދި އެންމެ ހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މީގެ ކުރިން އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އިލްމުވެރިންގެ ޖަމިއްޔާއިން ބުނެފައި ވަނީ އެތެމައިން ލާދީނީ ކަންކަމަށް ހިތްވަރުދީ ދިވެހި ފަސްގަނޑުގައި އެފަދަ ކަންކަން އާލާކުރުމަށް ބާރުއަޅައި ހިންގަމުން ގެންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.

އެމްޑީއެން އިން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޯށް ރިޕޯޓެއް ނެރެފައެވެ. އެކަމާ ރާއްޖޭގެ އެތައް ބަޔަކު ވަނީ އަޑު އުފުލާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހުން އެ ޖަމިއްޔާ ވެސް ވަނީ އުވާލާފައެވެ.