ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ) އިން ކުރަމުން އައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެންއޯއީސީގައި މަސައްކަތްކުރާ ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެގޮތުން އެންއޯއީސީން ކުރަމުން އައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބައެއް އެހެން ގައުމުތައް ދިޔަ ފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މައުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެ ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވެވިއެވެ.

އައު މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިއުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރި މިފަދަ މަސައްކަތް ކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތް ކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުން ކަން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ވެސް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ރައީސް ކުރެއްވި ޒިޔާރާތުގައި އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައި އެފަރާތްތަކުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ވަނީ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ދެއްވާފައެވެ.